އީރާނުގެ ރައްޔިތުން ތިބީ މިނިވަންކަމަށް އެ ރައްޔިތުން ކުރަމުންދާ ހަނގުރާމައަށް ދޭދޭ ފަދަ ގޮތަކަށް ނޫންކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އިރާނާ އެމެރިކާއާއި ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އުފެދިފައިވަނިކޮށް އެމެރިކާއަށް ދެއްވި އިންޒާރުގެ ވަރުގަދަ މެސެޖެއްގައި ރޫހާނީ ވިދާޅުވީ، އެމެރިކާއިން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިކަމުގައި ވީ ނަމަވެސް އީރާނުން ދޫ ނުދޭނެ ކަމަށާ، އަޒުމު ހިފާފައިވާ އަމާޒުތައް ހާސިލުނުކޮށް ދުރަށް ނުދާނެކަމަށެވެ.

ރޫހާނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، އީރާނު އަސްކަރިއްޔާގެ އިސްވެރިޔާ ވިދާޅުވީ އީރާނާ އެމެރިކާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ވަރުގަދަ އަޒުމުތަކެއްގެ ސަބަބުން އުފެދިގެން އުޅޭ ނުތަނަވަސްކަމެއް ކަމަށާ، ކަންކަން ތަޖުރިބާ ކުރުމަށް ދުޝްމަނުން އުޅޭނަމަ ރައްދު ހަމަލާ ދޭންޖެހިދާނެ ކަމަށެވެ.

އެމެރިކާއިން ވަނީ މެދުއިރުމަތީ ގަލްފު ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް އިތުރުކޮށް ވަރުގަދަކޮށްފައެވެ. އެމެރިކާއާއި އީރާނާ ދެމެދު އޮތް ޒަމާންވީ ހަތަރުވެރިކަން ހީނަރުވެގެން ގޮސްފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ކުށްލި ގޮތަކަށް ވަކިވުމަށްފަހު، ބައިނަލްއަގުވާމީ ފެންވަރުގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށި ހިސާބުންނެވެ.

އީރާނުން ތުހުމަތު ކުރާ ގޮތުގައި އެމެރިކާއިން ދަނީ އީރާނުގެ ވެރިކަން ފުނޑުނޑު ކޮށްލުމަށް ބަޣާވާތްވެސް ކުރަމުންނެވެ.