ޑޮކްޓަރުން ތަމްރީނު ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ކިއުބާއާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮއްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވޯލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން އަދި ކިއުބާގެ މިނިސްޓާ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއެވެ.

މި އެއްބަސްވުމުގެ ދަށުން ދެފަރާތް ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯޓްރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކުރުމަށް އެއްބަސްވެފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޓްރެއިނިންގެ އިތުރު ފުރުސަތު ހޯއްދަވާދެއްވުމަށް މިނިސްޓާ އަމީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.