ރައީސް ޖޯކޯ ވިޑޯޑޯ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި 6 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ހޮސްޕިޓަލުން ލިބުނު މައުލޫމާތާ ހަވަލާދީ، މަރުވި މީހުންގެ އަދަދު ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިމީހުން މަރުވާން ދިމާވި ސަބަބު ތަހުގީގު ކުރަމުންދާއިރު، މިމީހުން މަރުވީ ފުލުހުންގެ ސަބަބުން ކަމުގައި އަދި ކަނޑަނޭޅުމަށް އިންޑޮނޭޝިއާގެ ފުލުހުންވަނީ އެގައުމުގެ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ނުތަނަވަސް މަސްރަހެއްގައި އިންޑޮނޭޝިއާވާއިރު ދޮގު ޚަބަރުތައް ފެތުރުމުގެ އޮއެވަރެއް ފެށިފައި އޮތުމުގެ ސަބަބުން، ބައެއް ހިސާބުތަކުގައި މިހާރު ވަނި ސޯޝަލް މީޑިއާގެ ހިދުމަތްވެސް މެދުކަނޑާލާފައެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ ބަޔަކު ދުރާލާ ރާވައިގެން ހިންގަމުންދާ ހަމަނުޖެހުންތަކެކެވެ. އަދި ހަމަނުޖެހުންތަކަކީ ވަކި ބަޔަކު ގަސްތުގައި ހިންގަމުންދާ ހަމަނުޖެހުންތަކެއް ކަމަށްވެސް އެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ.

އިންޑޮނޭޝިއާ ފުލުހުންގެ ތަރުޖަމާނު މުޙައްމަދު އިޤުބާލު ވިދާޅުވީ މުޒާހަރާ ކުރަމުންދާ ގިނަ މީހުންނަކީ ވެރިކަން ކުރާ ޖަކާޓާއިން ބޭރުން އައިސްފައިވާ މީހުން ކަމަށެވެ.

ވެރިރަށް ޖަކާޓާގެ މަގުތަކަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައި މިވަނީ، މިދިޔަ މަހުގެ 17 ވަނަ ދުވަހު އިންޑޮނޭޝިއާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ޒަމާންވީ އިދިކޮޅު ކެންޑިޑޭޓް ބަލިކުރައްވާ ކާމިޔާބު ލިބިވަޑައިގެންފައިވާކަން މިހާރުގެވެސް ރައީސް ވިޑޯޑޯ އިއުލާންކުރެވުމާއެކުގައެވެ.

އޭޕްރިލް 17 ވަނަ ދުވަހުގެ އިންތިހާބު ވިޑޯޑޯ ގެންދެވީ ވޯޓުގެ %55.5 ކާމިޔާބު ކުރައްވައިގެންކަމަށް އިންޑޮނޭޝިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއުލާންކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.