އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ހާއްސަކޮށްގެން ދެމުން އަންނަ ހިއުމަން ރައިޓްސް ޕްރެސް އެވޯޑްގެ ބެސްޓް އިންވެސްޓިގޭޓިވް ފީޗާ ރައިޓިންގްގެ ޝަރަފު، މިޔަންމާގެ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ރޮއިޓާޒްގެ 2 ނޫސްވެރިން ކަމަށްވާ ވާ ލޯންއާއި ކްޔޯވް ސޯއީ އޯ ހާސިލުކޮށްފިއެވެ.

މި 2 ނޫސްވެރިންނަކީ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ގަތުލު އާންމާއި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގީ ރިޕޯޓްތައް ދުނިޔެއަށް ތިލަ ކޮށްދެމުންދިޔަ 2 ނޫސްވެރިންނެވެ. އެމީހުން ތައްޔާރުކުރި ރިޕޯޓް އާންމުކުރިތާ މާ ގިނަ ދުވަހެއް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ 2 ނޫސްވެރިންވެސް ހައްޔަރުކޮށް، ޖަލަށް ލާފައެވެ. މި 2 ނޫސްވެރިންވަނީ 500އަށްވުރެ ގިނަ ދުވަސް، މިޔަންމާގެ ޖަލުގައި ހޭދަކޮށްފައެވެ.

ހޮންގްކޮންގްގައި ކުރިއަށްދިޔަ ހިއުމަން ރައިޓްސް ޕްރެސް އެވޯޑް ހަފުލާގައި ހޮވި، ޑިޖިޓަލް ޑޮކިއުމަންޓްރީ ކެޓަގަރީއިން އެވޯޑް ގެންދިޔައީ އަލްޖަޒީރާ އިންގްލިޝްގެ އޭޖޭ ޝޯޓްސް ޕްރޮގްރާމްގައި އަފްޣާނިސްތާނާ ބެހޭ ގޮތުން ގެނެސްދިން ޑޮކިއުމަންޓްރީއެކެވެ.

އައިސިސް ހަނގުރާމަވެރިންގެ ހަމަލަތާކުގައި ޔަތީމުވި، އުމުރުން އެންމެ 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި "ގްރޮވިންގް އަޕް ޓޫ ފާސްޓް އިން އަފްޣާނިސްތާނު" ޑޮކިއުމަންޓްރީ އަކީ ފުރަތަމަ މީހާގެ ނަޒަރުން، އެކުއްޖާ ކިޔާދޭ ވާހަކަތަކެއްގެ ގޮތުގައި ހުށަހަޅާދީފައިވާ، ހިތުގެ އެންމެ ހިމަ ނާރުތަކާވެސް ކުޅެލާ އަސަރުގަދަ ޑޮކިއުމަންޓްރީއެކެވެ.