ޕާކިސްތާނު މިހާރު ވެއްޓިފައިވާ އިގުތިސޯދީ އަނދަވަޅަށް ވައްޓާލާފައި ވަނީ އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ އިދިކޮޅު ލީޑަރުންގެ ކުރިފުޅުމަތީގައި އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އެއްބައިވަންތަކަމަށްޓަކައި ކުރިއަށްގެންދިޔަ ހާއްސަ ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ސިޔާސީ ފިކުރުގެ މެންބަރުންނަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، ރޯދަ ވީއްލުމަށް އިދިކޮޅު ލީޑަރުން ވަޑައިގެން ތިއްބެވީ ޑިމޮކްރަސީގެ ހިމާޔަތުގައި އެބޭފުޅުން ތިއްބެވިކަން ދެއްކެވުމަށް ކަމަށާއި، ކަންމިހެން އޮތް ނަމަވެސް، ޕާކިސްތާނު މިއަދު އުފުއްލަމުންދާ ތަކުލީފުތަކަކީ އެ ފަރާތްތަކުގެ ސަބަބުން އުފުއްލަންޖެހުނު ތަކުލީފުތަކެއް ކަމަށެވެ.

ތަހްރީކީ އިންސާފު ޕާޓީއަށް ވެރިކަން ލިބުނުއިރު ގައުމު އޮތީ ބޭރު ގައުމުތަކަށް ދަރާ، ވިކި، "ހުސްވެފައި" ކަމަށާއި، އިގުތިސޯދު ވެސް އޮތީ އިންތިހާ ދަރަނީގައި ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް މުޅި ސަރަހައްދުގައި، އެންމެ ހަލުވިކަމާއެކު ކުރިއަރާދާ އިގުތިސޯދެއް އޮތް ގައުމަކީ ޕާކިސްތާނުކަން ސާބިތުކޮށްދެއްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ހާއްސަ ރޯދަ ވީއްލުމުން ފާހަގަވެގެންދިޔަ އިތުރު ކަންކަމަށް ބަލާއިރު، ޕާކިސްތާނު މުސްލިމު ލީގު ނަވާޒް (ޕީއެމްއެލް-އެން)ގެ ލީޑަރު މަރްޔަމް ނަވާޒު ވަނީ ޕާކިސްތާނު ޕީޕަލް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން ބިލަވާލް ބުއްޓޫއާއި ބައްދަލުކުރައްވާފައެވެ. މި ރޯދަ ވީއްލުމަކީ ބިލަވާލް ދެއްވެވި ރޯދަ ވީއްލުމެއް ކަމަށް ޚަބަރު ލިބެއެވެ.

މިއީ އިދިކޮޅު ހަތުރުންގެ ގޮތުގައި ތިއްބަވަނިކޮށް އަވަހާރަކޮށްލާފައިވާ ބޭނަޒީރު ބުއްޓޫއާއި ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ބޭފުޅުން އެއްތަނަކުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.