ޕާކިސްތާނާ ބަންގްލަދޭޝްއާއި ދެމެދު ދޭތެރެ ދޭތެރެއިން އުފެދެމުންދާ ޑިޕްލޮމެޓިކް ނުތަނަވަސްކަން އަނެއްކާވެސް ގަދަވެއްޖެއެވެ.

މި ދެގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރު އޮއެވަރެއްގައި ޖެހިފައި މިވަނީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ވީސާ ދޫކުރުން ހުއްޓާލުމާ ގުޅިގެން ކަމަށް މައުލުމާތު ލިބެއެވެ.

ކަމާ ބެހޭ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ރައްޔިތުންނަށް ވީސާ ދޫނުކުރާތާ މިހާރު ހަފުތާއެއްހާ ދުވަސްވަނީ ވެފައެވެ. ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުގެ ވީސާ ސެކްޝަން، މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބަންދުކޮށްފައި ހުންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްއާއި ޕާކިސްތާނާ ދެމެދު ވީސާގެ މައްސަލަ ހޫނުވާން ފެށީ، ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ވީސާއާއި ގުޅޭ ކަންކަން ހަމަޖައްސާދިނުމަށް ބަންގްލަދޭޝްއިން މިދިޔަ އަހަރު އިންކާރު ކުރުމުގެ ސަބަބުންނެވެ.

ޕާކިސްތާނު ހާރިޖިއްޔާގެ ފަރާތުން ބައިނަލްއަގުވާމީ މީޑިއާއި ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވީ، ޕާކިސްތާނުން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އާ ސަފީރު ސަޤުލައިން ސައީދާއަށް ރަސްމީ އެގްރީމަންޓް ހަމަޖައްސަވާ ދެއްވާފައި ނުވާތާވެސް އަހަރެއްހާ ދުވަސް ވެފައިވާކަމަށެވެ. އާ ސަފީރުގެ ސަފީރުކަން ބަލައިގަންނާނެ ކަން ނުވަތަ ނޫންކަންވެސް ބަންގްލަދޭޝްއިން އަންގާފައި ނުވާކަމަށް ޕާކިސްތާނުން ބުނާއިރު، ރަސްމީ ލިޔެކިއުންތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިމަގާމު އޮތީ ހުސްކޮށެވެ.

ބަންގްލަދޭޝްގައި ހުންނަ ޕާކިސްތާނުގެ މިޝަން މިވަގުތު ހިންގަމުންދަނީ ކޮންސިއުލާ ފެންވަރުގެ އޮފިޝަލެއްގެ ދަށުންނެވެ. މި އޮފިޝަލާ އޭނާގެ ދަރިފުޅުގެ ވީސާގެ މުއްދަތުވެސް މިއަހަރުގެ ކުރީކޮޅު ހަމަވެފާއިރު، އެ މައްސަލަ ހައްލު ކުރުމަށް ޕާކިސްތާނު ހާރިޖިއްޔާއިން ކުރި މަސައްކަތްތައްވެސް އަދި އޮތީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.

ޕާކިސްތާނާ ބަންގްލަދޭޝްއާއި ދެމެދު ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާތަކެއް ނުހިނގާތާ މިހާރު ވަނީ އަހަރުތަކެއްވެފައެވެ. މި ދެގައުމުގެ ޑޮޕްލޮމެޓިކް ގުޅުންތަކަށް ހުއްޓުން އައިސްފައިވަނީ، ޕާކިސްތާނުގެ ހައިކޮމިޝަނަކީ ބަންގްލަދޭޝްގައި ހިންގާ ޓޭރަރިޒަމްގެ އަމަލުތަކަށް ފަންޑުކުރާ އިދާރާއެއްކަމަށް ބުނެ ބަންގްލަދޭޝްއިން ތުހުމަތުތަކެއް ފެންމަތިކުރި ހިސާބުންނެވެ. މި ދެގައުމުގެ ފޮރިން ސެކްރެޓަރީއިންގެ ފެންވަރުގައިވެސް މަޝްވަރާއެއް ނުހިނގާތާ މިހާރު ވަނީ 4 އަހަރުވެފައެވެ.