ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި ގިނަ އަދަދެއްގެ މީހުން އެޗްއައިވީ އެއިޑްސްއަށް ޕޮޒިޓިވް ވެ މި ބަލި ދަނީ ބާރު ސްޕީޑެއްގައި ފެތުރެމުންނެވެ.

ޕާކިސްތާނުގެ ލާކަނާ ކިޔާ ސަރަހައްދެއްގައި އެޗްއައިވީ ފެތުރެމުންދާއިރު، 500 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އެޗްއައިވީ އަށް ޕޮސިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު މިހާރު 400 އަށް އަރައެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކުގެ އިހުމާލުން، އެޗްއައިވީ ވައިރަސް އެކުލެވޭ ސިރިންޖެއް ބޭނުން ކޮށްގެން ހިންގި މި ޖަރީމާގައި އެތައް ކުޑަ ކުދިންގެ މުސްތަގުބަލް މިވަނީ ހަލާކުވެފައެވެ. އަދި ޕާކިސްތާނަށް ވަނީ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން، ލާކަނާ އަށް ނިސްބަތްވާ ރެހްމާނާ ބިބީ ވެސް ވަނީ މިފަދަ ބޮޑު ހިތާމައެއްގެ ތެރޭގައެވެ. ބޭރުގެ ނޫހެއް ކަމަށްވާ 'ސްކައި ނިއުސް' އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނީ އޭނާގެ އުމުރުން 10 އަހަރުގެ ދަރިފުޅު އަލީ ރެޒާ ވެސް ވަނީ އެޗްއައިވީ އެއިޑްސް އަށް ޕޮސިޓިވް ވެފައި ކަމަށެވެ. ރެހްމާނާ ބުނީ، އޭނާގެ ދަރިފުޅު ހުން އައިސްގެން، ޑޮކްޓަރަށް ދެއްކީ، މިފަދަ އަލާމާތްތައް ހުންނަ އެތައް ކުދިންނެއް އެޗްއައިވީ އަށް ޕޮސިޓިވް ވަމުން އަންނާތީ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެޗްއައިވީ އަށް ޕޮސިޓިވް ވެފައިވާ ކަން އެނގުމުން، ރެހްމާނާ ވަނީ، އޭނާގެ މުޅި އާއިލާ އަށް މި ބަލި ޖެހިފައިވޭތޯ ޓެސްޓު ކުރުވާފައެވެ. ނަމަވެސް، ނަސީބު ދިމާ ކުރި ގޮތުން އާއިލގައި އެޗްއައިވީ އެއިޑްސް އަށް ޕޮސިޓިވް ވެފައިވަނީ އަލީ އެކަންޏެވެ.

ޑޮކްޓަރެއްގެ އިހުމާލުން، އެތައް ކުދިންނެއްގެ ދިރި އުޅުން ހަލާކު ވެގެން ދާއިރު، މިފަދަ އަމަލެއް ގަސްދުގައި ހިންގާ ކަމުގެ ތުހުމަތުގައި ޕާކިސްތާނުން ވަނީ މީގެ ކުރިން ޑޮކްޓަރަކު ހައްޔަރު ކޮށްފައެވެ. ޕާކިސްތާނުގެ ފުލުހުން ދަނީ މިއީ، މި ޑޮކްޓަރު ގަސްތުގައި ކުރަމުން އައި ކަމެއްތޯ ބެލުމަށް ތަހުގީގުތައް ހިންގަމުންނެވެ. އަދި މމި ޑޮކްޓަރަކީ ހުދު އެއިޑްސް އަށް ޕޮސިޓިވް ވެފައިވާ މީހެކެވެ.

ޕާކިސްތާނަކީ އެއިޑްސް ބަލި އާންމު ގައުމަކަށް ވީ ހިނދު، އެ ގައުމުގެ އެއިޑް ކޮންޓްރޯލް ޕްރޮގްރާމުން ބުނަނީ، މިހާރު ވެސް އެގައުމުގައި ރެޖިސްޓާ ވެފައި އެއިޑްސް ބަލީގެ ށިކާރައަށް ވެފައިވާ 24،000 މީހުން އުޅޭ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް އުޅޭ މީހުން ވެސް ތިބުމާއި އެކު މި ބައްޔާއި އެކު ދިރި އުޅޭ 150،000 އެއްހާ މީހުން އެ ގައުމުގައި ތިބި ކަމަށް އެއިޑް ކޮންޓްރޯލް ޕްރޮގްރާމުން ގަބޫލު ކުރެއެވެ.

އެޗްއައިވީ އެއިޑްސް އަކީ އަދި ފަރުވާ ހޯދިފައި ނުވާ ބައްޔަކަށް ވެފައި، އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ފެތުރޭނީ، ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނާއި، އެކަކު ބޭނުން ކުރާ ސިރިންޖި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމުން އަދި މަންމަގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށެވެ. އެގޮތުން ޕާކިސްތާނުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ހަށިވިއްކުމުގެ އަމަލުތައް އިންތިހާއަށް ހިންގަމުންދާ ސަރަހައްދުތަކުގައި، އެއިޑްސްގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. އޭޝިއާއަށް ބަލާއިރު އެންމެ ހަލުވިކަމާއެކު ދެވަނައަށް އެއިޑްސް ބަލިފެތުރެމުންދަނީވެސް ޕާކިސްތާނުގައެވެ.