ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި 400އަށްވުރެ ގިނަ މީހުން އެޗް.އައި.ވީ އެއިޑްސްއަށް ޕޮޒިޓިވްވުމާއެކު، އެތައް ބަޔަކު ނުތަނަވަސްކަމާ ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ޕާކިސްތާނުގެ އެތައް ސަތޭކަ ބަޔަށް އެޗް.އައި.ވީ އެއިޑްސް ޖެހިފައިވަނީ އެޗް.އައި.ވީ އެއިޑްސްގެ ވައިހަރުގެ އަސަރު ހުރި ސިރިންޖެއް ބޭނުންކޮށްގެން ޑޮކްޓަރަކު ހިންގި ޖަރީމާއެއްގެ ސަބަބުން ކަމަށްވާއިރު، ގިނަ ބަޔަކު ވަނީ، އެމީހުންގެ ހަށިގަނޑަށް ވައިރަހުގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ޓެސްޓުކުރުމަށްޓައި ހޮސްޕިޓަލުތަކަށް ޖަމާވެފައެވެ.

ގިނަ ބަޔަކު ނުތަނަވަސްކަމެއްގެ ތެރޭގައި ތިބިއިރު، ފުލުހުންވެސް ދަނީ ޓެސްޓު މަރުކަޒުތައް ކައިރިއަށް ޖަމާވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑޮކްޓަރުގެ ޖަރީމާގެ ޝިކާރައަކަށްވީ ޕޭޝަންޓުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މި ހާދިސާ ހިނގާފައިވަނީ އިންތިހާއަށް ފަގީރު ސަރަހައްދެއްގައެވެ. މިކަމެއް ކޮށްފައިވަނީ ކުދަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ. އެޗް.އައި.ވީ ވައިރަހުގެ އަސަރު ހުރި ސިރިންޖު ބޭނުންކޮށްފައިވަނީ ގަސްތުގައިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރުވާގޮތެއް ނުވެއެވެ.

ޑޮކްޓަރުވެސް ވަނީ އެޗް.އައި.ވީ އެއިޑްސްއަށް ޕޮޒިޓިވް ވެފައެވެ.

ގިނަ ކުޑަކުދިންތަކެއްގެ މުސްތަގުބަލު ގެއްލިދިއުމާއެކު ޕާކިސްތާނުގައި ވަނީ އިންތިހާއަށް ބޮޑު ހިތާމައެއްގެ ތެރޭގައެވެ.

ޕާކިސްތާނަކީ އެއިޑްސް ބަލި އާންމު ގައުމެކެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި އާއި ހަށިވިއްކުމުގެ އަމަލުތައް އިންތިހާއަށް ހިންގަމުންދާ ސަރަހައްދުތައް ޕާކިސްތާނުގައި ހުރިއިރު، މި ސަރަހައްދުތަކުގައި އެއިޑްސްގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. އޭޝިއާއަށް ބަލާއިރު އެންމެ ހަލުވިކަމާއެކު ދެވަނައަށް އެއިޑްސް ބަލިފެތުރެމުންދަނީވެސް ޕާކިސްތާނުގައެވެ.