ގަތަރުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި ތޯލިބާނު ހަނގުރާމަވެރިން އެ ދަތުރަށް ކުރި ޚަރަދު އަނބުރާ ހޯދާދިނުމަށް އެމެރިކާގެ ދިފާއި ވުޒާރާ (ޕެންޓަގަން)އިން ބޭނުންވި ކަމަށް، ކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތަކުން ފަޅާއަރުވާލައިފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ތަރުޖަމާނަކު ވިދާޅުވީ ތޯލިބާނު ހަނގުރާމަވެރިންގެ ހުރުމާ ކެއުމުގެ ޚަރަދުތަކަށްވެސް ޕެންޓަގަންއިން ޚަރަދު ކުރަން ބޭނުންވި ކަމަށާ ނަމަވެސް އެކަމަށް ހުރަސް އަޅާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ކަމަށެވެ.

ޕެންޓަގަންއިންވެސް ވަނީ މިކަމަށް އިއުތިރާފުވެފައެވެ. އަދި ފައިސާ ހޯދުމަށް އެދިފައިވާނީ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހި ކުރުމުގެ ފަންޑުގެ ތެރެއިން އެކަން ހަމަޖައްސާދިނުމަށްކަމަށްވެސް ޕެންޓަގަންއިން ބުނެއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތޯލިބާން ހަނގުރާމަވެރިންގެ މަންދޫބުންނާއެކު ގަތަރުގައު 6 ފަހަރެއްގެ މަތިން ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ.

މިމަޝްވަރާތަކަކީ އެމެރިކާގެ ތާރީހުގައި އެގައުމުން ކުރި އެންމެ ދިގު ހަނގުރާމަ ކަމަށްވާ އަފްޣާނިސްތާނު ހަނގުރާމަ ނިމުމަކަށް ގެނެސް، އެމެރިކާއިން އަފްޣާނިސްތާނުން ފޭބުމުގެ ހުރިހާ ކަމެއް ސުލްހަވެރި މަރުހަލާއެއްގެ ތެރެއިން ހަމަޖެއްސުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ އުސާމާ ބިން ލާދިންއަށްވެސް އިރެއްގައި ހިމާޔަތް ދިން ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ފައުޖުތައް އެ ގައުމުގެ ފަސްގަނޑު ދޫކޮށް ނުދަނީސް ހަމަލާ ބަދަލު ކުރުން ހުއްޓާނުލާނެކަމަށް ބުނެފައެވެ.