ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންގެ ފުރާނައަށް ނުރައްކާވާގޮތަށް އެގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ ހައްދުފަހަނައަޅާ ގޮސްފައިވާ ހަރުކަށިފިކުރުގެ ބުޑިސްޓުންކަމަށް ވަރަށް ބޮޑަށް ބުރަވެވޭ ކަމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

މުސްލިމުންނަށް ކުރާ ގޯނާތައް ސްރީލަންކާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ވަކީން ބޮޑުވެފައިވާއިރު، މުސްލިމުންގެ މުދަލާ ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. މުސްލިމުން އަޅުކަން ކުރުމަށް ގޮސް އުޅެ މިސްކިތްތައް ސުންނާފަތި ކުރަމުން ދާއިރު، ކީރިތި ޤުރުއާނުގެ މުސްހަފުތަކުގައި ހުޅުޖަހާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން އާދީއްތަ ދުވަހުން ފެށިގެން މުސްލިމުންނަށް ދެމުންދާ ހަމަލާތައް އިންތިހާއަށް ބޮއްސުން ލާފައިވާއިރު ސްރީލަންކާއިން ވަނީ މި ހަމަލާތަކުގެ ފަހަތުގައި ތިބިކަމަށް ބެލެވޭ ހައްދުފަހަނައަޅާފައިވާ ބުޑިސްޓުންގެ 3 ލީޑަރަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެއިގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަނެއް މީހާ މެއި 28 ވަނަ ދުވަހުގެ ނިޔަލަށް ރިމާންޑް ޖަލެއްގައި ހުރިއިރު، 3 ވަނަ މީހާއާއި ބެހޭ މައުލޫމާތެއް ނުލިބެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ސްރީލަންކާގައި މުސްލިމުންނަށް ދެމުންދާ ހަމަލަތަކުގައި މިހާތަނަށް 4 މުސްލިމެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުސްލިމުންނަށް އަމާޒުކޮށް ސްރީލަންކާގައި ހަމަލާތައް ދީ، ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަން ފަށާފައިވަނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބީ މުސްލިމުން ކަމަށް ބުނެ ފެންމަތިކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މުސްލިމުން ހިއްސާކުރަނީ އެންމެ %10 ކަމަށްވާއިރު، ސްރީލަންކާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މުސްލިމުން ހިޖުރަކޮށްފައިވާ ގައުމެކެވެ. ސްރީލަންކާގެ އާބާދީގެ ބޮޑު ބައި ހިއްސާކުރަނީ ބުދިސްޓުންނެވެ.