އުމުރުން އެންމެ 3 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު އަމާޒުވާ ފިރިހެން މީހާގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ގޮވާލާ، ކަޝްމީރުގެ އިންޑިއާގެ ކަޝްމީރާ ވީ ފަޅީގައި ވަރުގަދަ މުޒާހަރާއެއް ކުރަމުން އެބަދެއެވެ.

ބައިނަލްއަގުވާމީ މީޑިއާއަކާ ވާހަކަ ދައްކަމުން ތުއްތު އަންހެން ކުއްޖާގެ ބައްޕަ ބުނީ، ރޭޕްކުރި މީހާ ފިލަން މަސައްކަތްކުރި ކަމަށާ، ނަމަވެސް އޭނާ އަތުލައިގަތީވެސް ޚުދު އެމީހުން ކަމަށެވެ. ތުއްތު ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ރޭޕްކުރުމުގެ އަމަލު ހިންގީ އެމީހުންގެ އަވަށްޓެރިއެކެވެ. އަދި މިހާރު އެމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިމައްސަލައާއި ގުޅިގެން ކަޝްމީރުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނިކުމެފައިވާއިރު، ފުލުހުންވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ނަމުގައި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އާންމުންނާ ފުލުހުންނާ ކުރިމަތިލާފައިވާއިރު، ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި 3 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލާފައިވަނީ، ސްކޫލެއްގެ ތެރެއަށް ވެއްދުމަށްފަހުގައެވެ. މިކަމެއް ހިނގީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އަންހެން ކުއްޖާގެ ބައްޕަ ބުނީ އިންސާފު ބޭނުންވާ ކަމަށާ، އެންމެ ހަރުކަށި އަދަބުވެސް ދެވެންޖެހޭނެކަމަށެވެ.

ރޭޕްކުރި ތަނަށް ދެވުނު އިރު އެކުއްޖާއަށް މަންމަ އެދި ގޮވާ، ރޮއި އާދޭސްކުރަމުންދިޔަ ކަމަށާ، ސްކޫލްގެ ފާހަނާ ތެރޭގައި އެކުއްޖާ އޮތީ ލެއިން ފޯވެފައި ކަމަށްވެސް އެކުއްޖާގެ ބައްޕަ ވަނީ ކިއާދީފައެވެ.

ކަޝްމީރުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ސަރަހައްދުގެ ކޮލެޖުތަކާ ސްކޫލްތައްވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.