އެލަސްކާގެ ވައިގެ ސަރަހައްދުން އުދުހެމުން ދިޔަ ކަނޑަށްޖައްސާ ދެ މަތިންދާ ބޯޓު ޖެހި އެކްސިޑެންޓެއްވެއްޖެއެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު އެއް ފަސެންޖަރަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ހާދިސާގައި ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

ޒަހަމްވީ މީހުންނަށް ފަރުވާ ދެމުންދާ މެޑިކަލް ސެންޓަރާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި އެކަކުގެ ހާލު ކްރިޓިކަލްއިރު ތިން މީހެއްގެ ހާލު ސީރިއަސްއެވެ. އަނެއް ހަ މީހުންގެ ހާލު މާ ބޮޑު ނޫންކަމަށްވެސް މެޑިކަލް ސެންޓަރުން ވަނީ ބުނެފައެވެ.

މި ދެ ބޯޓަކީވެސް "ރޯޔަލް ޕްރިންސަސް" ކިއާ ކްރޫޒްޝިޕެއްގައި ތިބި ބަޔަކު ގޮވައިގެން، ކައިރި ސަރަހައްދަކަށް ދަތުރުކުރަމުން ދިޔަ ދެ ބޯޓުކަމަށް މައުލޫމާތު ލިބެއެވެ. މިތަނުން އެއްބޯޓަކީ އޮޓާ ފްލޯޓެކެވެ. އަނެއް ބޯޓަކީ ބީވާ ފްލޯޓެކެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ނުވާކަމަށެވެ.

މަތިންދާ ބޯޓުތަކާ ގުޅިގެން މިދުވަސްވަރު ހިނގާ ހާދިސާތަކުގެ އަދުވަނީ އިތުރުވެފައެވެ.