ސޫދާންގައި 30 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރި އުމަރު އަލް ބަޝީރުގެ މައްޗަށް، ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

އާންމު ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތަކާ އަސްކަރިއްޔާއިން ހިންގި ހަރަކާތްތަކާ ގުޅިގެން އުމަރު އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް އައިސްފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ، އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން މަރަން ރޭވުމާއި އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

އުމަރު އަލް ބަޝީރުގެ ސަރުކާރާ ދެކޮޅަށް ސޫދާންގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އުމަރުގެ އަސްކަރިއްޔާއިންވަނީ ލައިވް ވަޒަން ބޭނުންކޮށް، ގިނަ ބައެއްގެ ފުރާނަ ދުއްވާލާފައެވެ.

އުމަރު އަލް ބަޝީރާ ދެކޮޅަށް މި ދައުވާ އުފުލާފައިވާކަން ސޫދާންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ކަޅުފައިސާ ދޮވުމާ، މާލީ ޓެރަރިޒަމްއާއި ގުޅުން ހުރި މައްސަލަތަކެއްވެސް އޭނާއާއ ދެކޮޅަށް ދަނީ ބަލަމުންނެވެ.

އޭޕްރިލް 11 ވަނަ ދުވަހު މަގާމުން ދުރުކޮށް ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށް ގެންދެވުނު ފަހުން އުމަރު އަލް ބަޝީރުގެ ފަރާތުން މީޑިއާއަށް އެއްވެސް ބަހެއް އާންމުކޮށްފައެއް ނުވެއެވެ.