މީގެ 2 މަހެއްހާ ދުވަސްކުރިން ބަޑިން ހަމަލާތަކެއްދީ 51 މުސްލިމަކު މަރާލި ހާދިސާތައް ހިނގި ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ 2 މިސްކިތަށް، އދގެ އިސްވެރިޔާ އެންޓޯނިއޯ ގުޓެރޭޒް ޒިޔާރަތް ކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓް ހަމަލާ ދިން އަލް ނޫރު މިސްކިތާ ލިންވުޑް މިސްކިތަކަށް ކުރެއްޒި ޒިޔާރަތުގައި ގުޓެރޭޒްވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ހުޅުގަނޑެއްހެން ސޯޝަލް މީޑިއާ މެދުވެރިކޮށް ދައުރުވާ ފިތުނައިގެ އަލިފާންގަނޑު ނިއްވާލުމަށް މިހާރަށްވުރެ ބޮޑަށް، ގަދައަޅާ މަސައްކަތް ކުރަންޖެހިފައި ވާކަމަށާ، މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމަށް އދގެ ޓީމެއް އެކުލަވާލުމަށް އަމުރު ކުރައްވާފައި ވާނެ ކަމަށެވެ.

އަނެކުންނަށް ހަޖަމް ކުރަން ދަތި ވާހަކަތަކާ ނަފުރަތުގެ އަލިފާންގަނޑު ރޯކޮށް ގިނި ފެތުރުމަށް ސޯޝަލް މީޑިއާއަކީ ބަޔަކު އެ ޕްލެޓްފޯމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ޕްލެޓްފޯމެއް ކަމުގައިވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މިފަދަ ގޮތަކަށް ފެތުރިގެންދާ ނަފުރަތާ ހަސަދައިން ސަލާމަތްވުމަށް އެންމެ އެއްބައިވަންތަ ވާންޖެހޭ ކަމަށްވެސް ގުޓެރޭޒްވަނީ ވިދާޅުވެފައެވެ.

ދީނީ އިމާމުންގެ އިތުރުން، މާޗް 15 ވަނަ ދުވަހުގެ ހާދިސާގެ ހީރޯގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާ ޢަބްދުލްޢަޒީޒު އާ ވެސް ގުޓެރޭޒް ވަނީ ބައްދަލު ކުރައްވާފައެވެ. ޢަބްދުލްޢަޒީޒަކީ ބަޑީގެ ހަމަލާތައް ދިން މީހާ ހުއްޓުވުމަށް އޭނާއަށް ދިމާލަށް ކްރެޑިޓްކާޑު މެޝިނެއްގެ އިތުރުން، ވަޒަން ހުސްކޮށްފައި އޮތް ބަޑިއެއް އެއްލި މީހާއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ނިއުޒީލަންޑަށް ކުރެއްވި މި ދަތުރުފުޅަކީ، އދ އޮތީ މުސްލިމުންނާ އެކުގައިކަން ބަޔާންކޮށް ދެއްވުމަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އެމަނިކުފާނު ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.