އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުމަކީ މީގެ ކުރިން ނުރައްކަލެއް ކަމުގައި ހީވެފައި އޮތްނަމަވެސް މިހާރު އެއީ ހަމަލާގެ އަމާޒެއް ކަމަށާ، އެއީ ފުރުސަތެއް ކަމުގައި އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ އަސްކަރީ ކޮމާންޑަރަކު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އިރާނާ އެމެރިކާގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވަނިކޮށް އެމެރިކާއިން މެދުއިރުމަތީ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ހަރަކާތްތެރިކަން އިތުރުކޮށް، ހަނގުރާމަމަތީ އިތުރު މަނަވަރެއް އެސަރަހައްދަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

ޔޫ.އެސް.އެސް އަބްރަހަމް ލިންކަންގެ ނަންދީފައިވާ ހަނގުރާމަ މަތީ މަނަވަރު ގަލްފް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، އެމެރިކާއިންވަނީ ވައިގެ މަގުން ހަމަލާދޭ އަސްކަރީ މަތިންދާބޯޓުތައްވެސް އެސަރަހައްދަށް ފޮނުވާފައެވެ.

އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ ހެޑް އޮފް އެއާފޯސް، ކޮމާންޑާ އާމިރު އަލީ ޙާޖީޒާދީ ވިދާޅުވީ، ހަނގުރާމަތީ މަތިންދާބޯޓުގެ 50އަކަށް ބޯޓާ، އަސްކަރިއްޔާގެ 6000އެއްހާ ސިފައިންނާއެކު އެމެރިކާގެ އަސްކަރިއްޔާއިން ގަލްފް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ އީރާނަށް އޮތް ނުރައްކަލަކަށްވީ މާޒީގައި ކަމަށެވެ.

ހަމަލާއަކައިގެން އެމެރިކާ އަސްކަރިއްޔާއިން އެންމެ އަތަކަށް ގުޑިލިއަސް އީރާނުގެ ހަމަލާ ގޮސް އަރާނީ އެމެރިކާ އަސްކަރިއްޔާ "ބޮލަށް" ކަމަށް ކޮމާންޑަރު ވަނީ ވިދާޅުވެފައެވެ.

ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯވަނީ، އެމެރިކާއިން މެދުއިރުމަތިގެ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުންދަނީ، އީރާނުގެ ހަމަލާތަކަކާ ގުޅޭ ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިވާތީ ކަމަށެވެ.

މިދަނޑިވަޅުގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސިއްރު ބައްދަލުވުމެއްވެސް ބާއްވާފައެވެ.