މަތިންދާބޯޓުގެ ލޭޑިންގްގިއަރުގައި ހިމެނޭ ކުރީފޮޅާ ނުލާ މިޔަންމާގެ ޕައިލެޓަކު ކާމިޔާބުކަމާއެކު ބޯޓު ޖައްސާ، ގިނަ ބައެއްގެ ތައުރީފާ ސަމާލުކަން ހޯދައިފިއެވެ.

މިހާދިސާ ހިނގަފައިވަނީ މިޔަންމާގެ މަންޑަލޭ އެއާޕޯޓްގައެވެ.

މިޔަންމާގެ ގައުމީ އެއާލައިންގެ ފްލައިޓް ރަންވޭއަށް ޖައްސަން އައިއިރު ލޭންޑިންގްގިއަރަށް މައްސަލަތަކެއް ކުރިމަތިވެ، ކުރީފުރޮޅު ތިރިވާ ގޮތް ނުވުމުގެ ސަބަބުން ޕައިލެޓް ވަނީ ދެ ފަހަރެއްގެ މަތިން ވައިގެ ތެރޭގައި ބުރުޖަހާ، ލޭންޑިންގްގިއަރު އެއްކޮށް ތިރިކުރަން މަސައްކަތްކޮށްފައެވެ. މިގޮތަށް އެއާޕޯޓް ސަރަހައްދުގެ ވައިގެ ތެރޭގައި ޕައިލެޓް އުދުހެމުންދިޔައީ ބޯޓުގެ ބަރުދަން ލުއިކުރުމަށްޓަކައި ޖެޓްފިއުލް އެންދުމުގެ މަގުސަދުގައެވެ.

ލޭޑިންގްގިއަރު ތިރިކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ފަހަތު ދެ ފުރޮޅާއެކު ރަންވޭ މައްޗަށް ބޯޓު ތިރިކުރިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަށް ބަލާއިރު، ރަންވޭ މަތީގައި ޖެހުމާއެކު ބޯޓު ކަހަލައިގެން ގޮސް، މުޅިން ހުއްޓުމަކަށް އައުމަށް 25 އަކަށް ސިކުންތު ހޭދަވިއެވެ.

މިހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވާ ވަރުގެ އަނިޔާއެއް ނުލިބި، ބޯޓުން ދަތުރުކުރި 89 މީހުންގެ ފުރާނަ ވަމީ ސަލާމަތްވެފައެވެ.

މިޔަންމާގެ ޓްރާންސްޕޯޓް މިނިސްޓަރުވަނީ، ކެޕްޓަން މިޔާތު މޯއީ އާންގްގެ ހިތްވަރާ ހުނަރުވެރިކަން ފާހަގަކުރައްވާ، އޭނާއަށް ތައުރީފުކުރައްވާފައެވެ.

މޯލްޑިވިއަންގެ ފްލައިޓު ކިއު2-118ގެ ކެޕްޓަން އަބްދުލް ބާސިތު އިބްރާހީމް / ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

މިފަދަ ހާދިސާއެއް މީގެ 2 މަހެއްހާ ދުވަސްކުރިން ދިވެހިރާއްޖޭގައިވެސް ވަނީ ހިނގާފައެވެ. ޓެކްނިކަލް މައްސަލައެއް ޖެހިގެން އެމަޖެންސީކޮށް މޯލްޑިވިއަންގެ ފްލައިޓެއް އެފަހަރު ޖެއްސީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މާލެއިން ކައްދޫއަށް، އަދި ކައްދޫއިން ގަމަށް ދަތުރު ކުރި ކިއު2-118 ނަންބަރުގެ ފްލައިޓު ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނީ މާލޭން ފުރައިގެން ކައްދޫގައި ޖައްސައިފައި ގަމަށް ދިޔަ އިރުއެވެ. އެހާދިސާގައިވެސް އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން އެއްވެސް މީހަކަށް އަނީޔާއެއް ނުވާކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.