ޣައިރު ގާނޫނީ ފަރާތްތަކާ ގުޅުން ބާއްވަމުންދާ ކަމުގެ ތުހުމަތުގައި 11 ޖަމިއްޔާއެއްގެ ހަރަކާތްތައް ހިންގުން މަނާކުރުމަށް ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އިން ނިންމާފައިވާ ކަމަށް އެގައުމުގެ ދާހިލީ ވުޒާރާއިން ބުނެފިއެވެ.

ދާހިލީ ވުޒާރާގެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ހަރަކާތް ހިންގުން މަނާކޮށްފައިވާ ޖަމާއަތްތަކުގެ ތެރޭގައު، ޖަމާއަތުއް ދައުވާ، ފިލާއީ އިންސާނިއްޔަތު ފައުންޑޭޝަން އަދި ޖާއިޝީ މުޙައްމަދު ފަދަ ޖަމާއަތްތަކާ ގުޅުން އޮންނަ ހަރަކާތްތައް ހިމެނެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕާކިސްތާނަކީ ޓެރަރިސްޓުންގެ ހަރަކާތްތައް ތަނަސްވަކޮށްފުޅާކުރުމަށް ފަހި ފުރުސަތެއް ދޭ ގައުމެއް ކަމަށް ބުނެ ބައިނަލްއަގުވާމީ ފެންވަރުގައި އެގައުމަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.