ހަތިޔާރު އަޅައިގެން ތިބި ބަޔަކު، ޕާކިސްތާނުގެ 5 ތަރީގެ ހޮޓަލަކަށް ވަދެ، ބަޑީގެ ހަމަލާތަކެއް ދީ އެކަކު މަރާލާފައިފިއެވެ.

ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ހުންނަ ޒޭވާ ޕާލް ކޮންޓިނެންޓަލް ހޮޓަލަށް 3 މީހަކު ހަތިޔާރާއެކު ވަދެ ބަޑީގެ ހަމަލާތައް ދީފައިވާކަން ޕާކިސްތާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ހޮޓާ ހުންނަނީ ޕާކިސްތާނުގެ ބަނދަރު މަތީ ސިޓީއެއް ކަމަށްވާ ގުވާދަރުގައެވެ. މިއީ ޗައިނާއިން ޕާކިސްތާނުގައި ހިންގާ އެތައް ބިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެއްގެ މައި މަރުކަޒުވެސްމެއެވެ.

ހޮޓެލްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ ރަމަޟާން މަސްކަމުން ހޮޓެލްގައި އެއްވެސް ގެސްޓަކު ނެތް ކަމަށާ، މަސައްކަތް ކުރަމުންދިޔައީވެސް މަދު މުވައްޒަފުންކޮޅެއް ކަމަށެވެ.

މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ބަލޫޗިސްތާން ލިބަރޭޝާން އާމީއިންނެވެ. ހަމަލާގެ ޒިންމާ އުފުލަމުން ބަލޫޗިސްތާން ލިބަރޭޝަން އާމީއިން ބުނީ، ހަމަލާ އަމާޒުކުރީ ޗައިނާއާއި އަދިވެސް އިތުރު ބައެއް އެހެން އިންވެސްޓަރުންނަށް ކަމަށެވެ.

ހަމަލާދިން ޖަމާއަތާ ގުޅުން އޮންނަ ޓުވިޓާ ހޭންޑްލްއަކުން ކުރި ޓުވީޓެއްގައި ވަނީ އަދިވެސް މިފަދަ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އާންމުކޮށްފައެވެ.

ބަލޫޗިސްތާނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ބުނަމުންދަނީ ޗައިނާގެ އިންވެސްޓްމަންޓްތަކުން އެސަރަހައްދުގެ އާންމު ރައްޔިތުންނަށް ލިބޭނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ.

ހަމަލާ އަމާޒުވި ހޮޓަލަކީ ޕާކިސްތާނަށް ޒިޔާރަތް ކުރާ ބޭރުގެ ފަރާތްތަކުގެ މެދުގައި މަގުބޫލު ހޮޓަލެކެވެ.