ދިގުލައި ގޮސްފައިވާ ޔަމަނު ހަނގުރާމަގައި ހަރަކާތްތެރިވާ ހޫތީން، އެގައުމުގެ މުހިންމު 3 ސަރަހައްދުން އެއް ވަގުތެއްގައި ފޭބުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށް އދއިން ބުނެފިއެވެ.

މިއީ 4 އަހަރުވީ ޔަމަނު ހަނގުރާމައަށް ސިޔާސީ ފެންވަރުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ކޮންމެހެން ބޭނުން ކަމެއް ކަން އދއިން ވަނީ ފާހަގަކޮށްފައެވެ.

ޔަމަނު ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ އދގެ ޓީމުން ބުނީ، ޔަމަނުގެ މުހިންމު ސަރަހައްދުތަކެއް ކަމަށްވާ ހުދައިދާ، ސަލީފު އަދި ރަސް އިސާއިން ހޫތީ ހަނގުރާމަވެރިން ފައިބާނެ ކަމަށެވެ. ހޮނިހިރު ދުވަހުން ފެށިގެން 4 ދުވަހުގެ ތެރޭގައި ހުރިހާ ހަނގުރާމަވެރިން އެ ސަރަހައްދުތައް ދޫކޮށްދިއުމަށް އެއްބަސްވެފައިވާކަމަށް ވެސް އދއިން ވަނީ ހާމަކޮށްފައެވެ.

މިއީ މިފަދަ އެއްބަސްވުމަކަށް އާދެވުނު ފުރަތަމަ ފަހަރެވެ.

އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނު މިހާރުވެސް އޮތީ އިންތިހާއަށް ބަނޑަށް ޖެހި، ދުނިޔެދުށް އެންމެ ހިތްދަތި އިންސާނީ ކާރިސާގެ އަނދަވަޅަށް ވެއްޓުމުގެ ތުންފަތްމަތީގައެވެ.