ހަނގުރާމައާއި ހަމަނުޖެހުންތަކާ އެކިކަހަލަ ފިއްތުންތަކުގެ ސަބަބުން އުފަން ވަޒަނުގައި ގެދޮރުގެއްލި، އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެންޖެހިފައިވާ މީހުންގެ އަދަދު 41.3 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އިންޓާނަލް ޑިސްޕްލޭސްމަންޓް މޮނިޓަރިންގް ސެންޓާ (އައި.ޑީ.އެމް.ސީ)އާއި ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެން.އާރް.ސީ) ގުޅިގެން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ހަމަނުޖެހުންތަކާ ފިއްތުންތަކުގެ ސަބަބުން 2018 ވަނަ އަހަރު އެކަނިވެސް އަމިއްލަ ވަޒަނުގައި 10 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.

ސުވިޓްޒަލޭންޑްގެ ވެރިރަށް ޖެނީވާގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެން.އާރް.ސީގެ އިސްވެރިޔާ ހާން އެގެލަންޑް ވިދާޅުވީ، އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅުމަށް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށްލާނީ ވަރަށް ބޮޑަށް ނުތަނަވަސް ވެގެން ކަމަށާ، އެންމެ ފަހުން ލިބިފައިވާ ތަފާސް ހިސާބުތަކަކީ "ބޯގޮވާ" ވަރުގެ ތަފާސް ހިސާބުތަކެއް ކަމަށެވެ.

އެކި ކަހަލަ ހަމަނުޖެހުންތަކުގެ އިތުރުން ގުދުރަތީ އެކި ކަހަލަ ހާދިސާތަކާ ކާރިސާތަކާއެކު އަމިއްލަ ގެދޮރު ގެއްލުނު މީހުންގެ އަދަދު 2018 ވަނަ އަހަރު 28 މިލިއަނަށް އަރާފައިވާކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެކިހަލަ މަޖުބޫރީތަކާއެކު އަމިއްލަ ވަޒަންދޫކޮށް، ސަރަހައްދީ އިން ހުރަސްކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ހިސާބުތަކަށް 2018 ވަނަ އަހަރު ހިޖުރަކޮށްފައިވަނީ ގާތްގަނޑަކަށް 25 މިލިއަނެއްހާ މީހުންނެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު އަމިއްލަ ގައުމުގައި ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ އިތިއޮޕިއާގައެވެ. 8 އަހަރަށް ދިގުލާ ގޮސްފައިވާ ދަހިލީ ހަނގުރާމައެއް ކުރަމުންދާ ސޫރިޔާއަށް ބަލާއިރު އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި 6 މިލިއަނަށްވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ.

މޫސުމީ ވިއްސާރައާއި ތޫފާންތަކުގެ ސަބަބުން ފިލިޕީންސްއާއި ޗައިނާ އަދި އިންޑިއާއިން އެކަނިވެސް 10 މިލިއަނެއްހާ މީހުން އަމިއްލަ ގައުމުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން މަޖުބޫރުވެފައިވާކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.