ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާއަށް އަމާޒުކޮށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި ޒުވާނަކު ޝަހީދުކޮށް ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިއްޖެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލުމާތު ދޭ ގޮތުގައި އިސްރާއީލުގެ ޢުދުވާނުގައި ޝަހީދުކޮށްލާފައިވަނީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ. އިސްރާއީލު އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ބަނޑަށް ކަމަށްވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވެފައެވެ.

އިސްރާއީލުން ބަޑީގެ ހަމަލާތައް ދީފައިވަނީ އިސްރާއީލާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށެވެ. މި ހަމަލާގައި 30 މީހަކު ޒަހަމްވެފައިވާއިރު މީގެ ތެރޭގައި ކުޑަކުދިންނާ ޕެރަމެޑިކް އޮފިސަރެއްވެސް ހިމެނޭ ކަމަށް މައުލުމާތު ލިބެއެވެ.

އިސްރާއީލާ ޣައްޒާއާއި ދެމެދު ބަދަލުކުރި ހަމަލާތައް މިދިޔަ ހަފުތާގައި އިންތިހާއަށް ނުރައްކާވެގެންދިޔައިރު، އިސްރާއީލުގެ ޢުދުވާންތަކުގައި ޣައްޒާއިން 25 މީހަކު ވަނީ 3 ދުވަހުގެ ތެރޭގައި ޝަހީދުވެފައެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް ކޮޅަކުން ހަމަލާ ބަދަލު ނުކޮށް އޮތުމަށްފަހު އަނެއްކާވެސް އިސްރާއީލުން މިވަނީ ހަމަލާތައް ދޭން ފަށާފައެވެ.