ވައިގެ މަގުންދޭ މިސައިލް ހަމަލާތައް ދިފާއުކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއްގެ އިތުރުން ހަނގުރާމަ މަތީ މަނަވަރެއް މެދުއިރުމަތީގެ ގަލްފު ސަރަހައްދަށް އެމެރިކާއިން ފޮނުވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މެދުއިރުމަތީގެ ގަލްފުގައި އެމެރިކާގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅަކީ، ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި އީރާނާ ދެމެދު ކުއްލި ގޮތަކަށް ހަނގުރާމައެއް ފެށިދިއުމުގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެކެވެ.

ޔޫ.އެސް.އެސް. އާލިންގްޓަންގެ ނަންދީފައިވާ ހަނގުރާމަ މަތީ މަނަވަރު ގަލްފަށް ގޮސް ގުޅޭނީ އެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް އަބްރަހަމް ލިންކަންގެ ހަމަލާދޭ ޓީމާ ކަމަށް އެމެރިކާގެ އޮފިޝަލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މީގެ އިތުރުން ވައިގެ މަގުން ހަމަލާ ދިނުމުގެ ގާބިލުކަން އޭގެ އިންތިހާއަށް ލިބިފައިވާ ބީ-52 ބޮމާ އަސްކަރީ މަތިންދާބޯޓުތައް، ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހުގައި މިހާރު ޖައްސާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމެރިކާއިން ބުނީ މި ފިޔަވަޅުތަކަކީ މެދުއިރުމަތީގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ދީފައިވާ އިންޒާރުތަކާ ގުޅިގެން އެފަދަ ކަމަކަށް ތައްޔާރުވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އީރާނުން އެ ދިން ކަމަށް ބުނާ އިންޒާރުތަކަކާ ބެހޭ މާ ބޮޑު ތަފްސީލެއް އެމެރިކާއަށް ހާމަކޮށްދެވިފައި ނުވާއިރު، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުންދާ ދިއުމަކީ، އީރާނާ ދެކޮޅަށް ނަފްސާނީ ގޮތުން ބިރުދެއްކުމުގެ ހަނގުރާމައެއް ކުރުމުގެ ނިޔަތުގައި އެމެރިކާއިން ކުޅެމުންދާ ކުޅިވަރެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ.

މިފަހަކަށް އައިސް އެމެރިކާއާއި އީރާނުގެ ގުޅުން މިހާ ބޮޑަށް ހީނަރުވެގެން ގޮސްފައި މިވަނީ، އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ އެއްބަސްވުމުން މިދިޔަ އަހަރު އެމެރިކާ ކުށްލި ގޮތަކަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.