ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ މަސްވެރިންނާ ދެކޮޅަށް އިސްރާއީލުން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ކުޑަވަރެއްގެ ދުލެއް ދީފިއެވެ.

އިސްރާއީލާ ޣައްޒާއާއި ދެމެދު މިމަހުގެ ކުރީކޮޅު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމާއެކު ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށި ނަމަވެސް، އިސްރާއީލުން ކުޑަ ދުލެއް ދީފައި މިވަނީ އިތުރު ހަމަލާތަކެއް ބަދަލު ނުކުރުމަށް ދެބައި މީހުންގެ މެދުގައި ހިސާބެއްގެ އެއްބަސްވުމެއްވެސް އެކުލަވާލެވިފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ދިން ދުލާއެކު، ޣައްޒާގެ ކަނޑުގެ ސަރަހައްދުން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޣައްޒާގެ މަސްވެރިންނަށް މިހާރު ވަނީ ލިބިފައެވެ. މި ބަދަލާއެކު، މިއަދުވެސް ޣައްޒާގެ މަސްބޯޓުތައް މަހަށް ނިކުމެ އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގެ އާބާދީއަށް ބަލާއިރު 4000އެއްހާ މަސްވެރިން އެ ސަރަހައްދުގައި ދިރިއުޅޭ އިރު، މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކުގައި 1500 އެއްހާ މީހުނ ދަނީ ހަރަކާތްތެރިވަމުންނެވެ.