ސްރީލަންކާގެ މިސްކިތްތަކުގައި ދޭ ޚުތުބާތަކާއި އިއްވާ ވަޢުޟުތަކުގެ އޯޑިއޯ ރެކޯޑިންގްތައް ކަމާ ބެހޭ ފަރާތްތަކަށް ގަވައިދުން ހުށަހަޅަމުން ދާންޖެހޭނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ސްރީލަންކާގެ އާންމު ހާލަތު އަދިވެސް ހަމައަކަށް އެޅިފައި ނުވާއިރު ދީނީ ހިޔާލު ތަފާތުވުންތަކާ އިލްޒާމުތަކާ ގުޅިގެން އިތުރު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމުގެ ބިރު އެގައުމުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ނަފްރަތު އުފެއްދުމަށާ، އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ގޮތުން މިސްކިތްތަކުގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށްވެސް ސްރީލަންކާގެ ސަރުކާރުން ވަނީ އެގައުމުގެ މިސްކިތްތައް ބަލަހައްޓާ ފަރާތްތަކަށް އަމުރުކޮށްފައެވެ.

ސްރީލަންކާގެ މުސްލިމް ރިލިޖަޒް އެފެއާޒް މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ނަފުރަތު އުފެއްދުމުގެ އިތުރުން ހައްދުފަހަނައަޅާ ދިއުމުގެ ފިކުރު ޕްރޮމޯޓްކުރުމުގެ ގޮތުން ސްރީލަންކާގެ މިސްކިތްތަކުގައި ހިންގާ މަސައްކަތްތަކުގެ ޒިންމާ އުފުއްލަންޖެހޭނެ ބަޔަކީ މިސްކޮތްތަކުގެ ބޯޑް އޮފް ޓްރަސްޓީޒްއިން ކަމަށާ، އެމީހުންނަކީ ސްރީލަންކާގައި އޮންނަ ގާނޫނުލް އުގޫބާތުގެ ދަށުން ޒިންމާދާރު ކުރެވޭނެ ބައެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ބުނެ، ކަންފަތްވެސް ހިމެނޭ ގޮތަށް މޫނުގެ އެއްވެސް ހިސާބެއް ނިވާކޮށްގެން މަގުތަކާ އާންމު ތަންތަނަށް ނިކުމެ އުޅުން ސްރީލަންކާގައި ވަނީ މަނާކޮށްފައެވެ.

ސްރީލަންކާގެ ފުލުހުން މިއަދުވެސް ވަނީ ކައްޓަންކުޑީގެ ގޮނޑުދޮށުގައި ފޮރުވާފައިވާ ގިނަ އަދަދެއްގެ ގޮވާތަކެތި ހޯދާ، ކަމާބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެތަކެތި ބަދަލުކޮށްފައެވެ. ކައްޓަންކުޑީއަކީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވެ، އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިނުމުގައިވެސް ބައިވެރިވި މުޙައްމަދު ޤާސިމު ޒަހުރާން އުފަންވި ހިސާބުގަނޑެވެ.