ދުނިޔޭގެ އެންމެ ނުފޫޒުގަދަ 2 އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާއިން ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން، ޗައިނާއާއި ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ހަރުކަށި ފިޔަވަޅެއް އަޅައިފިއެވެ.

އެމެރިކާއިން އެންމެ ފަހުން ތަންފީޒުކުރަން ފެށި ފިޔަވަޅުގެ ދަށުން، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުން ޓެރިފްގެ ގޮތުގައި ނަގާ ފައިސާގެ މިންވަރު އަނެއްކާވެސް މިވަނީ ބޮޑުކޮށްފައެވެ.

މިދަނޑިވަޅަކީ ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ދެގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ސީދާ މަޝްވަރާތަކެއްވެސް ކުރިއަށްދާ ދަނޑިވަޅެކެވެ.

ކަންމިހެން އޮތް ނަމަވެސް އެމެރިކާއިން ވަނީ ޗައިނާގެ އުފެއްދުންތަކުން ޓެރިފްގެ ގޮތުގައި ނަގާ ފައިސާގެ މިންވަރު ދެ ގުނަ ބޮޑުކޮށް، 200 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެމެރިކާއިން މިފިޔަވަޅު ތަންފީޒުކުރަން ފަށާފައިމިވަނީ، ޗައިނާއާއި ދެކޮޅަށް އެމެރިކާއިން އަޅާ ފިޔަވަޅެއްގެ ރައްދު "ހަމަލާ" އެގައުމުންވެސް ދޭނެ ކަމަށް ޗައިނާއިން ބުނެފައިވަނިކޮށެވެ.

ޗައިނާއާއި އެމެރިކާއިން މިދިޔަ އަހަރު ވިޔަފާރީގެ ހަނގުރާމަ ފެށިފަހުން އެ ގައުމު އަނެއް ގައުމުގެ މައްޗަށް ލާޒިމުކޮށްފައިވާ ޓެރިފްގެ އަގު 360 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

ޗައިނާއާއި ދެކޮޅަށް އެމެރިކާއިން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ފެށީ އެމެރިކާގެ ވިޔަފާރިއާއި އިގުތިސޯދާ ގުޅުންހުރި ފިކުރާ މުދަލާ މައުލޫމާތުން ޗައިނާ ވައްކަން ކުރަމުންދާކަމުގެ ތުހުމަތުގައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުން ހަނގުރާމަ ކުރަމުންދާއިރު، މިކަމުގެ އަސަރު ބައިނަލްއަގުވާމީ މާލީ އަދި ވިޔަފާރީގެ ބާޒާރަށް ދަނީ ފޯރަމުންނެވެ.