ޖިންސީ އަޅުންގެ ގޮތުގައި ޕާކިސްތާނުގެ އަންހެންކުދިން ބޭރު ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދިޔަ ބައިނަލްއަގުވާމީ ވަގުފާރި ނެޓްވާކުގެ މެމްބަރުންގެ ގޮތުގައި ޕާކިސްތާނުން ޗައިނާގެ 11 މީހަކު ހައްޔަރުކޮށްފިއެވެ.

އިންސާނީ ވަގުފާރި ނެޓްވާކުގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވިމުގެ ތުހުމަތުގައި ޕާކިސްތާނުގެ ރިމާންޑް ޖަލެއްގައި މިވަގުތު ޖުމުލަ 13 މީހުން ތިބިއިރު، މިމީހުންނަކީ އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައްވެސް ގަވައިދާ ހިލާފަށް ވިއްކަމުން ދިޔަ މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ޖުޑީޝަލް މެޖިސްޓްރޭޓް އާމިރު ރަޒާ ވަނީ މިމީހުންގެ ތަހުގީގުތައް ފުރިހަމަ ކުރުމަށްފަހު މެއި 11 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ޕާކިސްތާނުގެ ފެޑެރަލް އިންޓެލިޖެންސް އޭޖެންސީ (އެފް.އައި.އޭ)އަށް އަންގާފައެވެ.

ޕާކިސްތާނުގެ އަންހެނުން ގަވައިދާ ހިލާފަށް ކައިވެނިކުރުވުމަށްފަހު އެމީހުންގެ ހަށިގަނޑުގެ ގުނަވަންތަކެއް ނެގުމަށްފަހު، ޖިންސީ އަޅުންގެ ގޮތުގައި މަސައްކަތް ކުރުވުމަށް ފޮނުވަމުންދާ މައްސަލައާއި ގުޅިގެން ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަންގައި ޕާކިސްތާނުގެ އެކި ހިސާބުތަކުން ޗައިނާގެ 40އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިމީހުންނަށް އެއްބާރުލުން ދެމުންދިޔަ ޕާކިސްތާނުގެ 15 މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންސާނީ ވަގުފާރީގެ ނެޓްވާކުގެ ތެރެއިން ޕާކިސްތާނުގެ އަންހެނުން ކުދިން ޗައިނާއަށް ގެންދަނީ ޗައިނާ ރައްޔިތުންނާ "ކައިވެނި" ކުރުވުމަށްފަހުގައެވެ. ބަދަލެއްގެ ގޮތުގައި ޕާކިސްތާނުގެ މީހުންނަށް ދެނީ ރަނާ ފައިސާ ކަމަށްވެއެވެ. މިހާތަނަށް މިފަދަ 95 ކުއްޖެއްގެ ރިޕޯޓް ލިބިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިފަދަ މައްސަލައެއް މިޔަންމާއިންވެސް ފެންމަތިވެފައިވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗްއިންވަނީ ބުނެފައެވެ. އެގޮތުން މިޔަންމާގެ އަންހެން ކުދިން ޗައިނާއަށް ގެންދަނީ ވަޒީފާގެ ދަޅަ ދައްކައިގެން ކަމަށާ، އެއަށްފަހު އެކުދިންނަކީ ޗައިނާގެ އާއިލާތަކަށް ވިއްކާލާ ކުދިންކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ބުނެފައެވެ.