ނަސްލީ އަދި ދީނީ ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ކުންފުނި ކަމަށްވާ އެމޭޒަންއާއި ދެކޮޅަށް އެ ކުންފުނީގެ 3 މުވައްޒަފަކު ޝަކުވާ އުފުލައިފިއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ގާނޫނީ ޖަމިއްޔާ މުސްލިމް އެޑްވޮކޭޓްސް މެދުވެރިކޮށް، އަންހެން 3 މުވައްޒަފަކު އުފުލި ޝަކުވާގައި ބުނެފައިވަނީ އެމޭޒަން ކުންފުނީގެ ގުދަންތަކަކީ މަސައްކަތުގެ މާހައުލު ހަރުކަށި އަދި ދީނީ ގަބޫލުކުރުންތަކަށް ބިނާކޮށް އަދަބޫދޭ ތަންތަންކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމާ ބެހޭ ކޮމިޝަނަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީގައި 3 މުވައްޒަފުންވެސް ބުނެފައިވަނީ، ނަމާދުކޮށް ރޯދަ ހިފަން ވަގުތު ހުސްކުރުމުގެ އިތުރުން ފާހާނާއަށް ދާން ހުސް ވަގުތުކޮޅަކަށް އެދެންވެސް އެމީހުން ބިރު ގަންނަ ކަމަށެވެ. މި 3 އަންހެނުންނަކީވެސް ސޯމާލީ ދަރިކޮޅަށް ނިސްބަތްވާ 3 މީހުންނެވެ.

އެމޭޒަންގެ ގުދަނުގައި މުވައްޒަފުންގެ މަސައްކަތްތެރިކަން މިނަނީ ގަޑިއިރެއްގެ ތެރޭގައި ބަންދުކުރާ ފޮށިގަނޑުތަކުގެ އަދަދުން ކަމަށާ، ނަމާދު ކުރުން ފަދަ ދީނީ ގޮތުން ފަރުޟު އަޅުކަން އަދާކުރުމަށް ނަގާ ބްރޭކްގެ ސަބަބުން، ފޮށި ބަންދު ކުރެވޭ ރޭޓް ދަށްވެއްޖެނަމަ އަދަދު ލިބޭ ކަމަށެވެ. އަދަބު ގޮތުގައި ފުރަތަމަވެސް ދެނީ ބަޔާން ކަމަށާ، އެ ބަޔާންތަކަކީ ވަޒީފާއިން ކަނޑާލުމާ ގާތަށް ގެންދާ ބަޔާންތަކެއްކަންވެސް އެމޭޒަން ކުންފުނީގެ މުވައްޒަފުން ހުށަހެޅި ޝަކުވާގެ ސިޓީގައި ވަނީ ތަފްސީލުކޮށްދީފައެވެ.

އެމޭޒަން ކުންފުނީގެ ގުދަންތަކުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖެއް/ފޮޓޯ: އޮންދަނިއުސްނައު

ޝަކުވާ އުފުލި މަސައްކަތްތެރިން މަސައްކަތްކުރަމުންދިޔަ ގުދަނަކީ އެއާކޮންޑިޝަންގެ ޚިދުމަތްވެސް ނުލިބޭ ގުދަނަކަށްވެފައި، ރަމަޟާން މަހު ރޯދައަށް ތިބޭއިރު މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހޭ ކަމަށާ، އެމޭޒަން ކުންފުނިން އަންގާފައިވާ ރޭޓަށް ފޮށިތައް ބަންދު ނުކުރެވޭކަންވެސް ޝަކުވާ އުފުލި މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

ކުންފުންޏާ ދެކޮޅަށް ކުންފުނި ތެރޭގައި ހަޅުތާލު ކުރުމުން ކޮންމެ ދުވަހަކުވެސް ތަނަކަށް ހާޒިރުކޮށް އެމީހުންނާ އެ ކުންފުނިން ވާހަކަ ދައްކާ ކަމަށާ، އެ ވާހަކަ ދައްކާއިރު އެ މަންޒަރުތައް ވީޑިއޯއަށް ރެކޯޑްކުރަމުންދާކަމަށްވެސް ޝަކުވާ އުފުލި މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

އެމޭޒަން ކުންފުނިން މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ކެތް ނުކުރެވިގެން 1 މުވައްޒަފަކު އަމިއްލައަށް ވަޒީފާއިން ވަކިވިއިރު، ޝަކުވާ އުފުލި އެހެން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެމޭޒަން ކުންފުނިން ބުނީ އެކި ދީނާ ނަސްލާ ސަގާފަތަށް އިސްކަން ދީގެން އެމީހުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒު ކަމަށާ، ނަމާދުގެ އަޅުކަން އަދާކުރަން ބޭނުން ކޮންމެ ވަގުތެއްގައި އެކަން ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް އޮންނާނެ ކަމަށެވެ. ނަމާދު ކުރުމަށްޓަކައި ކޮންމެ މުވައްޒަފަކަށްވެސް މުސާރައާއިއެކު 20 މިނެޓްގެ ބްރޭކެއް ލިބޭނެ ކަމަށާ، އެއަށްވުރެ ގިނަ ވަގުތު ބޭނުންކަމުގައި ވަނީނަމަ އެ މުސާރަ ނުހިނގާ ގޮތަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެމޭޒަން ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް، ޝަކުވާ ހުށަހެޅި މައްސަލައާއި ގުޅިގެން ވަކި އެއްޗެއް އާންމު ކުރެވެން ނެތް ކަމަށްވެސް އެމޭޒަން ކުންފުނިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، އެމޭޒަން ކުންފުނިން ފޮށިގަނޑުތައް ބަންދުކުރުމުގައި ހިފަހައްޓަންޖެހޭ ކޮލިޓީގެ އިތުރުން ބަންދުކުރަންނ ލާޒިމުކުރާ ފޮށިގަނޑުތަކުގެ އަދަދަށް ބަލާއިރު، މަސައްކަތްތެރިންނަކީ އިންސާނުންކަން އެ ކުންފުނިން ނުދަންނަ ކަމުގެ ޝަކުވާއަކީ އެމޭޒަން ކުންފުނީގެ ގުދަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭތެރެ ދޭތެރެއިން ކުރަމުންދާ ޝަކުވާއެކެވެ.