ދުނިޔޭގެ 1 ނަމްބަރު އިގުތިސޯދުގެ މަގާމު ކަށަވަރު ކުރުމަށް ޗައިނާއާއި އެމެރިކާ ކުރަމުންދާ ހަނގުރާމައިގެ ސުލްހައިގެ އެއްބަސްވުމާއި ހިލާފުވީ ޗައިނާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ވިޔަފާރީގެ ހަރުކަށި ސިޔާސަތުތަކުގެ ދަށުން އިތުރު ފިޔަވަޅެއް އަޅައިފިނަމަ ޗައިނާއިންވެސް ރައްދުގައި "ހަމަލާ" ދޭނެ ކަމަށް އެ ގައުމުން ބުނެ، ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ވަނީ އެމެރިކާއަށް އެތެރެ ކުރާ ޗައިނާގެ އުފެއްދުންތަކުން ޓެރިފްގެ ގޮތުގައި މިންވަރު، އަންނަ ހުކުރު ދުވަހު ދެގުނަ ބޮޑުކޮށް، 200 ބިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި ޗައިނާއާއި ދެމެދު އޮތް އެއްބަސްވުމާ ޗައިނާއަށް ހިލާފު ނުވެވޭވެނަކަމަށާ، އެ ގައުމުން އެކަމުގެ އަގު އަދާކުރަންޖެހޭނެކަމަށެވެ.

އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމައިގެ މަސްރަހު ނުތަނަވަސްވަމުންދާއިރު، އެކަމުގެ އަސަރު، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނީ ކުރަން ފަށާފައެވެ. މިހިނގާ 2019 ވަނަ އަހަރަކީ ދުނިޔޭގެ އިގުތިސޯދީ ކުރިއެރުން މަޑުޖެހިގެންދާނެ އަހަރެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފް)އިން ލަފާކޮށްފައިވާއިރު، މިކަމުގެ އެއް ސަބަބަކީ ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.