އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް އަމާޒުކޯށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ހަރަކާތްތެރިވި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތޮއިބާއަށް އެއްބާރުލުމާ އެހީތެރިކަން ދީފާނެ ކަމަށް އެމެރިކާގެ ރައްޔިތަކު އިއުތިރާފުވެއްޖެއެވެ.

ލަޝްކަރީ ތޮއިބާއަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށް ކޯޓުގައި އިއުތިރާފުވެފައިވަނީ، މިމައްސަލައާއި ގުޅިގެން ފެބުރުވަރީ މަހުގެ ތެރޭގައި ހައްޔަރުކުރި، އުމުރުން އެންމެ 18 އަހަރުގެ މައިކަލް ކައިލް ސިވެލްއެވެ.

ސިވެލްއާއި ދެކޮޅަށް ހިންގާ ޝަރީއަތުގައި އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ މިއަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ. ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް އެންމެ ގިނަވެގެންވެސް އަންނާނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން 250000 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތުވެސް މައްސަލަ ބައްލަވާ ޣާޒީއަށް އޮންނާނެ ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ތަހުގީގީ އިރާދާ (އެފްބީއައި)އިން ސިވެލްއާއި ދެކޮޅަށް ދައުވާ ކުރަމުންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެލްއީޓީއަށް މީހުން ރެކްރޫޓުކޮށްދިނުމާ، ރެކްރޫޓުވާ ފަރާތްތަކަށް ތަމްރީނު ދިނުމަށްޓަކައި ޕާކިސްތާނަށް އެމީހުން ފޮނުވުމަށް އެހީތެރިވެދިން ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ސިވެލް ވަނީ މި ހުރިހާ ކަމަކަށްވެސް އިއުތިރާފުވެފައެވެ. އެލްއީޓީއަކީ އެމެރިކާގެ އިތުރުން އދއިންވެސް ކަނޑައަޅާފައިޥާ ބައިނަލްއަގުވާމީ ޓެރަރިސްޓު ޖަމާއަތެކެވެ.