މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރި ރޮއިޓާޒްގެ ދެ ނުސްވެރިން މިނިވަންކޮށްފިއެވެ.

ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ޚަބަރާ މައުލޫމާތު އެއްކުރަމުންދިޔަ ރޮއިޓާޒްގެ ދެ ނޫސްވެރިން ޖަލު ބަންދުން މިނިވަންކޮށްފައިވަނީ މިޔަންމާގައި އޮންނަ ރިޔާސީ ޢަފޫޢާންމުގެ ދަށުން ކަމަށް މައުލުމާތު ލިބެއެވެ.

ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ހަތް އަހަރުގެ މުއްދަތަކަށް މި ދެ ނުސްވެރިން ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ހުކުމަކީ މީޑިއާގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދިޔައީ ސިފަކުރަމުންނެވެ.

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިނިވަންވުމުން މީޑިއާއާއި ވާހަކަ ދައްކަމުން މި ނޫސްވެރިން ވަނީ އަދިވެސް ދެމި ތިބޭނީ ނޫސްވެރިންގެ ގޮތުގައި ކަމަށް ބުނެފައެވެ. ނޫސްވެރިކަމުގެ ރޮނގުންދޭ އެންމެ ޝަރަފުވެރި އިނާމުގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ޕުލިޓްޒާ ޕްރައިޒްވެސް މިއަހަރު ހާސިލުކުރީ މި ދެ ނޫސްވެރިންނެވެ.

ރޮއިޓާޒްގައި މަސައްކަތްކުރަމުންދިޔަ މި ދެ ނޫސްވެރިންނަކީ މިނިވަން ނޫސްވެރިކަމުގެ ރަމްޒެއް ކަމުގައި މިހާރު ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ.