އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީއާއި ދެކޮޅަށް ފެންމަތިކުރި ޖިންސީ ފުރައްސާރައިގެ ދައުވާތަކުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި އިންކުއަރީ ޕެނަލުން ބުނީ ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، އެ ރިޕޯޓަކީ އާންމު ކުރާނެ ރިޕޯޓެއް ނޫން ކަމަށެވެ.

އޭނާއާ ދެކޮޅަށް ފެންމަތިކުރި ޖިންސީ ފުރައްސާރައިގެ ދައުވާއަކީ ދޮގު ތުހުމަތުތަކެއް ކަމަށާ، އެއީ އިންޑިއާގެ އަދުލުއިންސާފުގެ ނިޒާމަށް ލޮޅުންތަކެއް އެރުވުމުގެ މަގުސަދުގައި ފެންމަތިކުރި ދައުވާތަކެއްކަމަށް އުއްތަމަ ފަނޑިޔާރު ގޮގޯއީ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ގޮގޯއީއާއި ދެކޮޅަށް އުފުލި ދައުވާގައި ބުރަދަނެއް ހުރި އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލަ ނިންމާލާފައިވާއިރު، ގޮގޯއީއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ދައުވާ ހުށަހެޅި އަންހެން މީހާ ވަނީ، އިންކުއަރީ ޕެނަލްގެ އިންސާފުވެރިކަމާ މެދު ސުވާލުތަކެއް އުފެއްދުމަށްފަހު އެ މަޝްވަރާތަކުން މީގެ ދުވަސްކޮޅެއް ކުރިން ވަކިވެފައެވެ.

ގޮގޯއީއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ދައުވާ ހުށަހަޅައިގެން އުޅުނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ މުވައްޒަފަކެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ގޮގޯއީ އިސްކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.