ގުޅިފައިވާ ސަރުކާރަށް މިހާރަށްވުރެވެސް ހަރުކަށި ފިލާވަޅެއް ދަސްކޮށްދިނުމަށް ލީބިއާގެ ވެރިރަށް ތުރުބުލުސްގެ ކޮންޓްރޯލް ހޯދުމަށް އެގައުމުގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރު، އޭނާގެ ހަނގުރާމަވެރިންނަށް އޯޑަރުކޮށްފިއެވެ.

ލީބިއާގެ ސަރުކާރުގެ ކޮންޓްރޯލް ނެގުމަށް ހަފުތާރުގެ ލީބިއަން ނޭޝަނަލް އާމީ (އެލް.އެން.އޭ)ގެ ހަނގުރާމަވެރިން ހާއްސަ އޮޕަރޭޝަނެއް ފެށީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އެ ހަނގުރާމަވެރިން ކުރި އެއްވެސް މަސައްކަތަކަށް ސައްތަ އިންސައްތަ ކުރި ލިބޭ ގޮތް އަދި އޮތީ ނުވެފައެވެ.

އެލް.އެން.އޭގެ ތަރުޖަމާނު ޖެނެރަލް އަހުމަދު އަލް މިސްމާރީ މެދުވެރިކޮށް ޖެނެރަލް ހަފުތާރީ އާންމު ކުރި ބަޔާނެއްގައި އޭނާގެ ހަނގުރާމަވެރިންނަށް ގޮވާލާފައިވަނީ ދުވެއްޔާ، ބާރާ އަޒުމު ވަރުގަދަކޮށް ލީބިއާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާގެ ސިފައިންގެ ވަސްވެސް އެގައުމުން ފޮހެލުމަށެވެ.

ލީބިއާގެ ސަރުކާރު ނުވަތަ ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީ.އެން.އޭ)އަށް އެއްބާރުލުންދޭ އެގައުމުގެ ރަސްމީ އަސްކަރިއްޔާއިން މިހާރުވެސް ދަނީ ހަފުތާރުގެ ބާރުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

ޖެނެރަލް ހަފުތާރުގެ މިފަދަ ހަރުކަށި ވާހަކަތަކެއް އާންމުކޮށްފައި މިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފެށުމާ ދިމާކޮށް، ހަފުތާއެއްގެ މުއްދަތަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އދއިން ގޮވާލާފައިވަނިކޮށެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ މަހެއްހާ ދުވަސްކުރިން އެލް.އެން.އޭގެ ހަނގުރާމަވެރިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 430އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، 2000އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މީގެ އިތުރުން، ބައިލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށްވެސް އދގެ ރެކޯޑްތަކުން ދައްކާ ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.