ބައެއް ކުށްތަކަށް ކަނޑައަޅާފައިވާ އިސްލާމީ ޝަރީއާގެ އަދަބު ތަންފީޒުކުރުން މަޑުޖައްސާލާފައިވާކަމަށް ބްރޫނާއީގެ ސުލްތޯން ހަސަނުލް ބުލްކިއާ ވިދާޅުވެއްޖެއެވެ.

ސުލްތޯން ބުލްކިއާ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމާ، ކައިވެންޏެއް ކުރުމަށްފަހު ކައިވެނިން ބޭރުން ޒިނޭ ކުރުމާ، ރޭޕް ކުރާ މީހުންގެ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައިވަނީ ބައިނަލްއަގުވާމީ ބާރުތަކުގެ ފިއްތުންތައް ބޮޑުވެގެންކަމަށެވެ.

ބްރޫނާއީގެ ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލާފައިވާ ގާނޫނޫލް އުގޫބާތެއް ކަމުގައި ހަދާ، ބްރޫނާއީގައި އިސްލާމީ ޝަރީއާ ތަންފީޒުކުރަން ފެށީ މިދިޔަ މަހުއެވެ. އެއާއެކު ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުގެ އިތުރުން އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރަމުންދާ ޖަމާއަތްތަކުން ވަނީ ބްރޫނާއީއާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ސުލްތޯން ބުލްކިއާ ވިދާޅުވީ ބްރޫނާއީގައި ތަންފީޒުކުރަން ފެށި ގާނޫނުލް އުގާބާތާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، ގާނޫނުލް އުގޫބާތާ ގުޅިގެން ކުށް ހީތަކެވެސް ބައެއް ފަރާތްތަކަށް ކުރެވެމުންދާކަމަށެވެ.

އިސްލާމީ ޝަރީއާގެ ހުކުމްތަކާ އެއްގޮތަށް އެކުލަވާލި ގާނޫނުލް އުގޫބާތުގެ ބައެއް ހުކުމްތައް ތަންފީޒުކުރުން މަޑުޖައްސާލިއިރު، ގަސްތުގައި މީހުން މެރުމާ ޑްރަގް ޓްރެފިކިންގްގެ މައްސަލަތަކުގައި ބްރޫނާއީން މަރުގެ ހުކުމް އިއްވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ނަމަވެސް 1990ގެ އަހަރުތަކުގެ ފަހުނ އަދި އެއްވެސް މީހެއްގެ މައްޗަށް މި ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.