ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް 3000އަށްވުރެ ގިނަ ގައިދީން މިނިވަން ކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ރައީސް ޝައިހު ޚަލީފާ އަމުރުކުރައްވައިފިއެވެ.

މި ގައިދީންނަކީ ޔޫ.އޭ.އީގެ ރައީސް މައާފު ދެއްވި ގައިދީން ކަމަށް ޚަބަރު ލިބެއެވެ.

ޔޫ.އޭ.އީގެ ރައީސް ވަނީ ގައިދީންނާ އެ ގައިދީންގެ އާއިލާތަކަށް އާ ފެށުމެއް ހޯއްދަވާ ދެއްވުމުގެ ގޮތުން، އެ ގައިދީންގެ ދަރަނިތައްވެސް ހަލާސްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މިދިޔަ އަހަރުވެސް ޝައިހު ޚަލީފާ ވަނީ ގާތްގަނޑަކަށް 1000އެއްހާ ގައިދީން މިނިވަންކުރައްވާފައެވެ.

ޝާރުޖާގެވެރިޔާ ޑރ. ޝައިހު ސުލްތޯން ބިން މުޙައްމަދު އަލް ޤާސިމީވެސް ވަނީ 377 ގައިދީއަކު މިނިވަންކުރައްވާފައިވާކަން އިއުލާންކުރައްވާފައެވެ.

ޢަފޫޢާންމުގެ ދަށުން ގައިދީން މިނިވަން ކުރެއްވުމަކީ، އިސްލާމީ ގައުމުތަކުގެ ލީޑަރުން، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކުރައްވަމުންގެންދަވާ ކަމެކެވެ.