އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދިން ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން، ތަމްރީނު މަރުކަޒުގެ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ސަރަހައްދު ހޯދިފައިވާކަމަށް ސްރީލަންކާ ފުލުހުން ބުނެފިއެވެ.

ކައްޓަންކުޑީ އަވަށުގައި އޮންނަ 10 އޭކަރުގެ ސަރަހައްދަކީ ބަޑިޖެހުމާ ބޮން ހެދުމުގެ ތަމްރީނުތަކުގައި ހަނގުރާމަވެރިން މަސްއޫލުވެ އުޅުނު ކޭމްޕުކަމަށް ބެލެވޭ ކަމަށް ލަންކާ ފުލުހުން ބުނެއެވެ.

ވަށާ ފާރުވެސް ރާނާފައިވާ މި ކޭމްޕު އޮންނަނީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލަތާކުގެ މޭސްތިރީގެ ގޮތުގައި ސިފަކުރަން އަންނަ ޒަހްރާން ހާޝިމުގެ އުފަން އަވަށުގެ ރައްބޭރުގައެވެ. މި ކޭމްޕު ޖަހާފައި އޮންނަނީ ފަގީރުން ދިރިއުޅެމުންދާ ސަރަހައްދެއްގައެވެ.

ހަނި ދިގުކޮށް އޮންނަ މި ކޭމްޕުގައި ފާރަވެރިން ތިބުމަށް 4 ފަންގިފިލާގެ މައްޗަށް އެކުލެވޭ ޓަވަރެއްގެ އިތުރުން ބަކަރި ކޮއްޓަކާ ކުކުޅު ކޮއްޓެއްވެސް ހުންނަ ކަމަށް މައުލޫމާތު ލިބެއެވެ. މިތަނަކީ އާންމު ތަނެއްކަމުގެ އިހުސާސް ކުރިވިޔަ ދިނުމަށްޓަކައި އަނބުގަސްތައްވެސް ކޭމްޕުގައި ހައްދާފައިވާކަމަށް ޚަބަރު ލިބެއެވެ.

ބައްޓިކަލޯއާއެގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ހަނގުރާމަވެރިންގެ ތަމްރީނު މަރުކަޒުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ސަރަހައްދު ފަރުމާކޮށްފައިވަނި ނާމްސޫފި ގެންގުޅުމާ ދަނޑުގޮވާން ކުރުމުގެ މަސައްކަތް ހިނގާ އާންމު ތަނެއްގެ ގޮތުގައި ފެންނާނެ ފަދަ ގޮތަކަށް ކަމަށެވެ.

މި ސަރަހައްދު ރެއިޑުކޮށް، ފުލުހުން ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ވަޒަންތަކެއް އަރާފައިވާ ފާރެއްގެ އިތުރުން، ބޮން ރައްކާކޮށްގެން ގެންގުޅޭ ޒާތުގެ ހޮޅިތަކެއްވެސް ވަނީ ފެނިފައެވެ.

ފުލުހުންގެ އޮފިސަރު ވިދާޅުވީ މި ބިމުގެ ވެރިން ގޮތުގައި ތިބި 2 މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ ޓެރަރިސްޓް ހަމަލާއަށްފަހު، ސްރީލަންކާގެ އާންމު ސްކޫލްތަކުގައި މިއަދު ވަނީ ފުރަތަމަ ފަހަރަށް ކިއަވާދޭން ފަށާފައެވެ.