އަވަށްޓެރި ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިންވެސް ދިރިއުޅެމުންދާ ނިގެމްބޯ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މުސްލިމުންނާ ދެކޮޅަށް ނިގެމްބޯގައި ބަޔަކު ހަނގުރާމަ އިއުލާންކޮށް، މުސްލިމުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޮޑެތި ހަމަނުޖެހުންތަކެއް ރެއިން ފެށިގެން ހިންގަމުންދާކަމަށް މައުލުމާތު ލިބެއެވެ.

ލިބިފައިވާ ބައެއް މަންޒަރުތަކަށް ބަލާއިރު މުސްލިމުން ދިރިއުޅެމުންދާ ގެތަކުގެ އިތުރުން މުސްލިމުން ހިންގާ ފިހާރަތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

ސްރީލަންކާގައި ދިރިއުޅޭ ގިނަ ބަޔަކު ދަނީ އެ ގައުމުގައި ދީނީ ހަނގުރާމައެއް ނުފެށުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

ރޭ އެއްކޮށް ނިގެމްބޯ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް، މިއަދު ހެނދުނު 07:00 ކާފިއުވަނީ ބާތިލުކޮށްފައެވެ. ސްރީލަންކާ ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓާ ޖެނެރަލަކު ވިދާޅުވީ، ނިގެމްބޯގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބްލޮކްކޮށްލި ނަމަވެސް، މިހާރު އަލުން އަނބުރާ އެކްސެސްވެސް ދީފައިވާނެ ކަމަށެވެ.

އިންޖިނިއަރު ކަމުގެ އިތުރުން ޕައިލެޓް އުދުހުންތަކުގެ ރޮނގުން ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ދިރިއުޅެމުންދަނީ ނިގެމްބޯ ސަރަހައްދުގައެވެ. ނަމަވެސް މި ހަމަނުޖެހުންތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ސްރީލަންކާގެ ބައެއް ސަރަހައްދުގައި ރަމަޟާން މަހުގެ ރޯދަ ހިފަން ފެށި މިއަދު ކަމަށްވާއިރު، އަނެއް ބައި ސަރަހައްދުތަކުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ގޮތުގައި ރޯދަ ހިފަން ފަށާނީ އަންގާރަ ދުވަހުއެވެ.