އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުންނަކީ ތަމްރީނުތަކެއް ހޯދުމަށް ނުވަތަ ބޭރުގެ އެހެން ފަރާތަކާ ގުޅުން ވަރުގަދަ ކުރުމަށް ކަޝްމީރާއި ކެރެލާއަށް ދަތުރުކުރި ބައެއް ކަމަށް ސްރީލަންކާ އަސްކަރިއްޔާގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނެސާޔަކް ވިދާޅުވެއްޖެއެވެ.

މިއީ އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ބައިވެރިވި މީހުން އިންޑިއާއަށް ދަތުރުކުރިކަން ސްރީލަންކާގެ ސަލާމަތާ ބެހޭ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ސްރީލަންކާއަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު، އެ ހަމަލާތަކުގެ ކުރިން ސްރީލަންކާއަށް ފޯރުކޮށްދީފައިވާނެ ކަމަށް ބުނާ ގައުމަކީވެސް އިންޑިއާއެވެ.

ދުރާލާ އިންޑިއާއިން ދިން އިންޒާރުތަކާ އެކުވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ސްރީލަންކާއިން އަޅާފައި ނުވަނީ ކީއްވެތޯ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްރީލަންކާ އަސްކަރިއްޔާގެ ކޮމާންޑަރު ވިދާޅުވީ، އަސްކަރީ ޖާސޫސީ މައުލޫމާތު ދިޔައީ ވަކި މިސްރާބަކުން ކަމަށާ ދެން ހުރި ޖާސޫސީ މައުލޫމާތު ދިޔައީ އެހެން މިސްރާބަކަށް ކަމަށާ، އެ ދޭތެރޭގައި ފޫނުބެދޭ ކަންތައްތަކެއް ހުރިކަން މިއަދު އެންމެނަށްވެސް އެބަ އެނގޭ ކަމަށެވެ. ޖާސޫސީ މައުލޫމާތު އެއްކުރުމާ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގެ މަސްއޫލިއްޔަތު އުފުލައިގެން ތިބި ހުރިހާ އެންމެން މި ކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށްވެސް ކޮމާންޑަރު ވަނީ ވިދާޅުވެފައެވެ.

ޗާޗުތަކެއްގެ އިތުރުން ލަގްޒަރީ ފެންވަރުގެ ހޮޓާތަކަކަށް އަމާޒުކޮށް 9 މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައިވަނީ 8 ފިރިހެނުންނާއި އަންހެނެކެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް އަރާފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ އާންމު މަސްރަހު އަދިވެސް މުޅިން ހަމައަށް ނޭޅޭއިރު، ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.