ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައިވެސް ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "ފޯނި"، އަވަށްޓެރި އިންޑިއާއަށާއި ބަންގްލަދޭޝްއަށް އަރާފައިވާއިރު، މި ތޫފާނުގައި މި ގައުމުތަކުން ގިނަ ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި ހުކުރު ދުވަހު އިންޑިއާއަށް ތޫފާން އެރިއިރު އެގައުމުން ވަނީ 16 މީހެއްގެ ފުރާނަ ގެއްލިފައެވެ. އެންމެ ގިނަ ބަޔަކު މަރުވީ، ތޫފާނުގެ ބާރު އެންމެ ގަދައަށް ކުރި އޮރިއްސާއިން ކަމަށް މައުލޫމާތު ލިބެއެވެ. "ފޯނި" ބަންގްލަދޭޝްއަށްވެސް އެރިއިރު، އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވީ، ތޫފާނުގައި ގިނަ ބަޔަކަށް އެކި ވަރުގެ ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ.

ތޫފާނުގައި މަރުވި ބައެއް މީހުންނަކީ ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުންކަމަށްވާއިރު، އަނެއް ބައި މީހުންނަކީ ވައިގަދަވެގެން ވެއްޓުނު ގަސްތަކުގެ ދަށުވެގެން މަރުވި މީހުންނެވެ.

ތޫފާނު "ފޯނި"ގެ އިންޒާރު ދޫރާލާ ލިބުމާއެކު އިންޑިއާއާއި ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އިންޑިއާއިން މިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރިއިރު، ބަންގްލަދޭޝްއިންވަނީ 4 ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތޫފާނުގައި ކުރި ގަދަ ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ ކޯރުތައް ފުރި ބަންޑުންވެސް، ބިންތިރި ގައުމުގެ ގިނަ އަވަށްތަކެއް އަދިވެސް އޮތީ ފެނުއަޑީގައިކަން އެ ގައުމުގެ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.

މިއީ އިންޑިއާގެ އާންމު އިންތިހާބުގެ ދުވަސްވަރު ކަމަށްވާއިރު، ބައެއް ކެނޑިޑޭޓުންވަނީ ކެމްޕޭން ހަރަކާތްތައް ހުއްޓާލެއްވުމަށްފަހު ތޫފާނުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް އަތުކުރިއޮޅާލައްވައިގެން ހުންނެވި އިންޑިއާގެ މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، ހޯމަ ދުވަހުގެ ވަގުތެއްގައި އޮރިއްސާއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.