އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކޮއްކޯފުޅު ހުސައިން ފަރީދޫން، ވަކި މުއްދަތެއް ނެތް ގޮތަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ފަރީދޫން ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ކަމަށް ވާއިރު، ރޫހާނީގެ ސަޕޯޓަރުން ބުނަމުންދަނީ މިއީ ސިޔާސީ މަގުސަދެއްގައި އިއްވާފައިވާ ހުކުމެއް ކަމަށެވެ.

ނަމަވެސް އީރާނުގެ ޖުޑީޝަރީއިންވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ފަރީދޫންއަކީ ރޫހާނީ އާ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ މީހަކަށް ވާއިރު، އޭނާއަކީ ރޫހާނީގެ ގިނަ ސިއްރުތަކެއްވެސް ހިފަހައްޓައިގެން ހުރި ފަރާތެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ފަރީދޫން ވަނީ މި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެކަން ހާމަކޮށްފައެވެ.

ފަރީދޫންއާ ދެކޮޅަށް ޝަރީއަތް ހިންގަން ފެށީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. އޭނާގެ މައްޗަށް ވަކި މުއްދަތެއް ނެތް ގޮތަށް ޖަލު ހުކުމް އިއްވާފައިވާއިރު، ބައެއް މައްސަލަތަކަކީ އޭނާއާ ދެކޮޅަށް ސާބިތުވެފައި ނުވާ މައްސަލަތަކެއް ކަމަށްވެސް ޚަބަރު ލިބެއެވެ.

މާލީ މައްސަލަތަކެއްގައި 2017 ވަނަ އަހަރުވެސް ފަރީދޫންވަނީ ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. އެފަހަރު އޭނާ މިނިވަންކޮށްފައިވަނީ ކަފާލާތު ދައްކައިގެންނެވެ.

ފަރީދޫންއަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ އެއްބަސްވުމުގެ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން ބައިވެރިވި އިސް ޑިޕްލޮމެޓެކެވެ.