ކުރިއަށް މިއޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމަކީ މަނާ ކަމެއް ކަމުގައި ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން އަމުރުކުރުމާ ގުޅިގެން، ޗައިނާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އެމެރިކާގެ މުސްލިމުން ނިންމައިފިއެވެ.

ކަންމިހެން އޮތް ނަމަވެސް އަދުގެ އާންމު ދިރިއުޅުމުގައި ގެންގުޅޭ ހުރިހާ އެއްޗެއްގައި ހެން "މޭޑް އިން ޗައިނާ" ނުވަތަ "މިއީ ޗައިނާގެ އުފެއްދުމެއް" މިހެން ޖަހާފައި އޮންނަ އޮތުމީ ގަބޫލުކުރަންޖެހިފައިވާ ހަގީގަތަކަށް ވާއިރު، މިކަމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާ، ބޮޑެތި ހުރަސްތަކެއް ގިރާ ކުރަންޖެހޭނެކަން ޗައިނާ ބޮއިކޮޓްކުރާ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

'ފާސްޓް ފްރޮމް ޗައިނާ"ގެ ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއަކުން މިހާރުވެސް ދަނީ، ޗައިނާގެ އުފެއްދުންތައް ގަންނައިރު ދެވަނަ ވިސްނުމަކަށް ދިއުމަށް މުސްލިމުންނަށް ބާރު އަޅަމުންނެވެ. އެގޮތުން ވީ ވަރަކުން، ޗައިނާ ނޫން އެހެން ގައުމުތަކުގައި އުފައްދާފައިވާ ހުންނަ އައިޓަމްތައް ޚިޔާރު ކުރުމަށް އެ ޖަމިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހުޅަނގުގެ ގައުމުތަކަށް ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ކީރިތި ޤުރުއާނުގެ މުސްހަފުތައް ޕްރިންޓުކޮށްގެން ނެރުމުގެ މަސައްކަތްކުރަމުންދާ އަލް ފުރުޤާން ފައުންޑޭޝަނުންވެސް ވަނީ ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ފަށާފައެވެ. އެގޮތުން މުސްހަފުތައް ޕްރިންޓް ކުރަން ބޭނުންކުރާ އާލާތްތަކަކީ ޗައިނާގެ އުފެއްދުންތަކެއް ނޫންކަން ކަށަވަރުކުރުމަށް އެ ފައުންޑޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްލާމުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހަރުކަށިފިޔަވަޅުތަކެއް އަޅަންފެށިތާ މިހާރު 3 ވަރަކަށް އަހަރުވެފައިވާއިރު މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުއްލަމުންދަނީ، ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނެވެ. އެ ސަރަހައްދުގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން ސަރުކާރުގެ ގައިދީންގެ ގޮތުގައި ތިބިއިރު، އިސްލާމް ދީނުގެ ފަރުޟު ރުކުންތައް އަދާކުރުންވެސް ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފުމާ، ފަރުޟު ނަމާދުކުރުންވެސް ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ ކޭމްޕުތަކުގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް ރާ ބޮއެ، އޫރުމަސް ކެއުމަށް މަޖުބޫރުކުރަމުންދާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ކަންމިހެން އޮތް ނަމަވެސް، ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ހަރުކަށި ސިޔާސަތުތައް ކުށްވެރިކޮށް ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ލީޑަރުން ހަނު ހިމޭނުން ތިއްބަވާކަން ފާހަގަކޮށް، ގިނަ އަދަދެއްގެ މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.