އެމެރިކާގެ ގުއަންޓަނަމޯބޭ ނޭވަލް ސްޓޭޝަން އިން ފުރައިގެން ޖެކްސަންވިލްއަށް ދަތުރު ކުރަމުންދިޔަ ބޮއިންގް 737 މަރުކާގެ ކޮމާޝަލް މަތިންދާ ބޯޓެއް ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ގޮސް ކޯރަކަށް ވެއްޓިއްޖެއެވެ.

ހާދިސާ ހިނގިއިރު ބޯޓުގައި 137 މީހުން ތިބިއިރު، މިހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ކޯރަށް ލީކުވަމުންދާ ޖެޓްފިއުލް ހުއްޓުވުމަށް ކްރޫއިން މަސައްކަތް ކުރަމުންދާކަމަށް ޖެކްސަންވިލްގެ މޭޔަރު ވަނީ ހާމަކުރައްވާފައެވެ.

ކޯރަށް ވެއްޓިފައިވަނީ މަޔާމީ އެއާ އިންޓަނޭޝަނަލްގެ މަތިންދާބޯޓެކެވެ. ނަމަވެސް އެއާލައިންގެ ފަރާތުން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮއިންގް ކުންފުނިން ބުނީ ހާދިސާގެ މައުލޫމާތު ލިބިފައިވާކަމަށާ، މިހާރުވެސް ދަނީ މައުލުމާތު އެއްކުރަމުން ކަމަށެވެ. މިފަހަކަށް އައިސް ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާތަކުގައި މުޅިންހެންވެސް ބޭނުންކޮށްފައިވަނީ ބޮއިންގް މަރުކާގެ ބޯޓުތަކެވެ.