ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުމަށްފަހު ސޫރިޔާއިން ފައިބަން ބޭނުންވެފައި ވާކަން ހާމަކޮށްފައިވާ ޝަމީމާ ބޭގަމް ބަންގްލަދޭޝްއަށް އެތެރެވެއްޖެނަމަ، ޓެރަރިޒަމްގެ ކުށުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޢަބްދުލް މޫމިން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުންދިޔަ ބަންގާޅު ދަރިކޮޅު ޝަމީމާއަކީ ބަންގްލަދޭޝްއާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އުމުރުން އެންމެ 15 އަހަރުގައި އައިސިސްއާއި ގުޅުމަށް އިނގިރޭސިވިލާތް ދޫކޮށް ސޫރިޔާއަށް ހިޖުރަކުރި ޝަމީމާ ބޭގަމް/ފޮޓޯ: ބީބީސީ

އުމުރުން މިހާރު 19 އަހަރުގެ ޝަމީމާ ބޭގަމް، އިނގިރޭސިވިލާތް ދޫކޮށް އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދިޔައީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި، 2015 ގައެވެ. މިއަހަރުގެ ފެބުވަރީ މަހު އިނގިރޭސިވިލާތުން ވަނީ ޝާމީމާއަށް ދޫކޮށްފައި އޮތް ރަށްވެހިކަން ބާތިލުކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނު ބުނާ ގޮތުން އެއްވެސް ފަރުދެއްގެ ރަށްވެހިކަން ބާތިލުކުރުމަކީ ޣައިރު ގާނޫނީ ނިންމުމެކެވެ. އެހެނީ އެއްވެސް މީހަކީ 1 ގައުމަކަށް ނަމަވެސް ނިސްބަތް ނުވާ މީހެއް ކަމުގައި ނުހެދޭނެއެވެ. ނަމަވެސް، ޝަމީމާގެ މަންމައަކީ ބަންގްލަދޭޝް މީހަކަށް ވާއިރު، އިނގިރޭސިވިލާތުން ޝަމީމާގެ ރަށްވެހިކަން ބާތިލުކޮށްފައިވަނީ އެއް ގައުމަށް ވުރެ ގިނަ ގައުމަށް ނިސްބަތްވާ މީހުން ޓެރަރިޒަމްއާ ގުޅުމުން ރަށްވެހިކަން ގެއްލޭ ގޮތަށް އެގައުމުގައި ހަމަޖައްސާފައި އޮންނަ އުސޫލުތަކުގެ ދަށުންނެވެ.

ޝަމީމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ތަސްނީމު އަކުންޖީ ބުނީ އޭނާއަކީ ބަންގްލަދޭޝްގެ "މައްސަލައެއް" ނޫންކަމަށާ، ޝަމީމާގެ މައްސަލަ ގުޅެނީ އިނގިރޭސިވިލާތާ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ރަށްވެހިކަން ހޯދުމަށް ޝަމީމާ މަސައްކަތް ނުކުރާ ކަމަށާ، އޭނާގެ ހުރިހާ ޒިންމާއެއް އުފުއްލަން ޖެހޭނީ އިނގިރޭސިވިލާތުގެ ދާހިލީ ވުޒާރާއިން ކަމަށްވެސް ޝަމީމާގެ ވަކީލު ވަނީ ބުނެފައެވެ.

ޝަމީމާ ބޭގަމް އެންމެފަހުން ވިހޭ ދަރިފުޅު އުރާލައިގެން ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގައި/ފޮޓީ: ޖޭމީ ވައިޒްމަން

އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދިޔަ ކަމުގައި ވީ ނަމަވެސް ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގާފައިވާނެ ކަމަށް އިއުތިރާފުވުމަށް ޝަމީމާ ވަނީ އިންކާރު ކޮށްފައެވެ. އައިސިސްއާއި ގުޅެވުނީތީ ހިތާމަ ނުކުރާ ކަމަށާ، ނަމަވެސް އައިސިސްގެ ބައެއް އަމަލުތަކާ މެދު ހިތްހަމަ ނުޖެހޭކަމަށް ޝަމީމާ ވަނީ ބުނެފައެވެ.

ސޫރިޔާއަށް ހިޖުރަކުރި ފަހުން ޝަމީމާ 3 ކުދިން ވިހާފައި ވާއިރު އެ 3 ކުދިންވެސް މިހާރު ދުނިޔޭގައި ނެތްކަމަށް ޝަމީމާ ބުނެއެވެ. އެންމެ ފަހު ދަރިފުޅު މަރުވީ އެ ކުއްޖާގެ އުމުރުން އެންމެ 3 ހަފުތާއެއްހާ ދުވަސް ވީ ތަނާ ކަމަށާ އެކުއްޖާ މަރުވީ ނިއުމޯނިއާ ޖެހިގެން ކަމަށްވެސް ޝަމީމާ ވަނީ ބުނެފައެވެ.

ޝަމީމާ މިވަގުތު ހުރީ ރެފިއުޖީ ކޭމްޕެއްގައެވެ.