ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ފޯނި ބަންގްލަދޭޝްއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އެ ގައުމުން 4 ލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ބިންތިރި ގައުމެއްގެ ގޮތުގައި އޮތް ބަންގްލަދޭޝްއިން 4 ލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، މީގެ ތެރޭގައި ގިނައީ އައްސޭރި ފަށުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މީހުން ކަމަށް ބަންގްލަދޭޝްގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޑިޒާސްޓާ މެނޭޖުމަންޓް އެންޑް ރިލީފް އިނާމުއް ރަޙުމާން ވަނީ ވިދާޅުވެފައެވެ.

ތޫފާނުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަމާ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ 19 ޑިސްޓްރިކްޓެއްގައި 4000އަށްވުރެ ގިނަ މަރުކަޒު ގާއިމުކޮށްފައިވާނެކަންވެސް ބަންގްލަދޭޝްގެ އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.

އިނާމުއް ރަޙުމާން ވިދާޅުވީ ކުށްލި ހާލަތުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޓީމުތައްވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށާ، އަމާޒަކީ ތޫފާނުގައި އެންމެ ފުރާނައެއްވެސް ގެއްލިގެން ނުދާ ވަރު ކުރުން ކަމަށެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ތޫފާން ފޯނި އިންޑިއާއަށް އަރާފައިވާއިރު، އެގައުމުން 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.