ވަރުގަދަ ތޫފާން "ފޯނި" އިންޑިއާގެ އޮރިއްސާއަށް އަރައިފިއެވެ.

ތޫފާން ފޯނީގައި ގަޑިއަކު 200 ކިލޯމީޓަރު ބާރު މިނުގައި ގަދަ ވައި ޖެހެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޫސުމާ ބެހޭ އޮފިޝަލުން ވިދާޅާ ގޮތުގައި، މިއަދު މެންދުރާ ޖެހެންދެން ތޫފާނުގެ އަސަރު ވަރަށް ގަދައަށް އޮރިއްސާއަށް ކުރާނެއެވެ. އެއަށްފަހު ތޫފާން ފޯނި ދަތުރުކުރަމުންދާނީ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް ކަމަށާ، އެހާ ހިސާބަށް ދާއިރު ތޫފާނުގެ ބާރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ވެސްޓް ބެންގޯލްއާއި ހިސާބަށް މި ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައެވެ.

މިލިއަނަކަށްވުރެ ގިނަ މީހުން މިހާރުވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހުރިހާ އެންމެވެސް ވީ ވަރަކުން ގެތަކުގެ އެތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ އެއްގަމާ، ކަނޑާ ވައިގެ ސިފައިން އަދި އެމާޖެންސީ ޓީމުތައްވެސް މިހާރު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ވަނީ ތޫފާނަށް ތައްޔާރުވެފައިވާ މިންވަރު ބައްލަވާލައްވާފައެވެ.

ތޫފާން ފޯނިގެ އަސަރު އަންދްރަ ޕްރަދޭޝްއާއި ޓެމިލް ނާޑޫއަށްވެސް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިނގިރޭސި ބަހުގެ އަކުރުތަކުން ތޫފާނުގެ ނަން ލިޔެފައި އޮންނައިރު "ފަނި" ކިއުނު ނަމަވެސް، މި ތޫފާނަށް ދީފައިވާ އަސްލު ނަން ކިއާ އުޅެނީ "ފޯނި"ގެ ގޮތުގައެވެ. މި ނަމަކީ ބަންގްލަދޭޝްއިން ދީފައިވާ ނަމެއް ކަމަށް ބުނެއެވެ. ބަންގްލަދޭޝްގެ ބަހުން މީގެ މާނަ ރަމްޒުކޮށްދެނީ ހަރުފައެއްގެ ބޮލުގެ ފުއްކިބަ ހިމެނޭ ސަރަހައްދެވެ.

1999 ވަނަ އަހަރު އޮރިއްސާއަށް އެރި ވަރުގަދަ ތޫފާނުގައި 10000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.