އަދިވެސް މުޅިން ހަމަޖެހުމަކަށް އައިސްފައި ނުވާ މިޔަންމާގެ ރާހީން ސްޓޭޓްގައި ހިންގި ހަމަނުޖެހުންތަކެއްގައި އާންމުންގެ 6 މީހެއްގެ ގަޔަށް އެގައުމުގެ ސަމާލަތީ ބާރުތަކުން ބަޑިޖަހާ މަރާލައިފިއެވެ.

ހަމަނުޖެހުން ހިންގާފައިވަނީ މިޔަންމާގެ އަސްކަރިއްޔާއާއި ފުލުހުން ގުޅިގެން ރާހީން ސްޓޭޓްގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރި ފަހުން ކަމަށް މިޔަންމާ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

މިޔަންމާ އަސްކަރިއްޔާގެ ޓްރޫ ނިއުސް އިންފޮމޭޝަން ޓީމުގެ ބްރިގޭޑިއާ ޖެނެރަލް ޒޯ މިން ތުން ވިދާޅުވީ އަރަކަން އާމީގެ ނަމުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންތަކެއް ހޯދުމަށް ހިންގި އޮޕަރޭޝަންގ ދަށުން 275 މީހަކު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމަވެރިން ހޯދުމަށް ހިންގި އޮޕަރޭޝަންގައި ތަހުގީގުގައި ސުވާލުކުރި 4 މީހެއްގެ ގަޔަށްވެސް ވަނީ ބަޑިޖަހަލާ މަރާލާފައެވެ.

ދުނިޔޭގެ ސަމާލުކަން ރާހީން ސްޓޭޓަށް އަމާޒުވީ، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ގަތުލުއާންމާއި ގުޅިގެންނެވެ. އެއީ 2017 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭގެ ފަހުން މިޔަންމާއާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ހިންގަން ފަށާފައިވާއިރު، މިއިން އެއްވެސް ތަހުގީގަކަށް މިޔަންމާއިން އެއްބާރުލުން ދޭ ކަން ފާހަގަކުރެވިފައެއް ނުވެއެވެ.