ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ ވީޑިއޯ މެސެޖަކީ އެކަހެރި ސަރަހައްދެއްގައި ރެކޯޑު ކޮށްފައިވާ މަންޒަރުތަކެއް ކަމަށް އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވިދާޅުވެއްޖެއެވެ.

މަހުދީ އިތުރަށް ވިދާޅުވީ ލިބިފައިވާ ޖާސޫސީ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

އެކި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބަޣުދާދީ ދިރިއުޅެމުންދަނީ އިރާގު ނުވަތަ ސޫރިޔާގައި އެކަހެރިކޮށް އޮންނަ ހަނަފަސް ސަރަހައްދެއްގައެވެ.

އިރާގު ސަރުކާރުގެ ސަލާމަތާ ބެހޭ މުޝީރެއްކަމަށްވާ ހިޝާމް އަލް ހާޝިމީ ވިދާޅުވީ ބަޣުދާދީ ހުރި ކަމަށް ބެލެވޭ ސަރަހައްދުތަކުގެ އަދަދު 17 އިން 4 އަށް މަދުކުރެވިފައިވާކަމަށެވެ. އިތުރަށް ތަފްސީލުކޮށްދެއްވަމުން ހިޝާމް ވިދާޅުވީ، ބަޣުދާދީގެ އެންމެ ފަހު ވީޑިއޯއިން ފެންނަ މަންޒަރުތައް ނަގާފައިވަނީ އިރާގުގެ އަންބާރު ޕްރޮވިންސްގެ ސަހަރާގައި ނުވަތަ ސޫރިޔާގެ އެންމެ ބޮޑެތި ސިޓީތަކުގެ ތެރޭގައި ޙިމްސްގެ ސަހަރާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

5 އަހަރު ދުވަހަށްފަހު ފުރަތަމަ ފަހަރަށް ބަޣުދާދީގެ ވީޑިއޯ މެސެޖެއް އާންމުކޮށްފައިވާއިރު، އޭނާ ވަނީ މިދިޔަ މަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ބެހޭ ގޮތުން އެވީޑިއޯގައި ވާހަކަ ދައްކާފައެވެ.

އެ ވީޑިއޯތައް ރެކޯޑުކޮށްފައިވަނީ އެކަހެރި ސަރަހައްދެއްގައި ކަމަށް ބޮޑުވަޒީރު މަހުދީ ވިދާޅުވި ނަމަވެސް، އެއީ ކޮން ގައުމެއްގައި އޮތް ސަރަހައްދެއްކަމެއް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.