ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުންގެ އަމާޒުފަތްގަނޑަކަށް އޭޝިއާގެ ގައުމުތައް ވަމުން ދާކަމުގެ ވާހަކަ، ބައިނަލްއަގުވާމީ ސަލާމަތާ ބެހޭ ފޯރަމްތަކުގައި ދައްކަމުން ދިޔަ ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އުޅެނިކޮށް މުޅި ދުނިޔެ ސިއްސުވާލީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް ދިން ޓެރަރިސްޓް ހަމަލާތަކާ އެއާއި ވިދިގެން އެގައުމުން ފެންނަމުން ދިޔަ އިތުރު ގޮވާތަކެއްޗާ ހައްޔަރު ކުރަމުން ދިޔަ ހަނގުރާމަވެރިންގެ ވާހަކަތަކެވެ.
ގޮއްވާލި ފުރަތަމަ ބޮމާއެކު މުސްލިމުންނާ ދިމާލަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަމުން ދަނިކޮށް، ހައްދުފަހަނައަޅާފައިވާ އައިސިސްގެ ހަނގުރާމަވެރިން މި ހަމަލާތަކުގެ ޒިންމާ އުފުލުންވީ މުސްލިމުންނާ ކުރިމަތިލާނެ އުޒުރެއް ނެތިފައި ތިބި ބަޔަކަށް ކޮށައި ދެވުނު މަގަކަށެވެ. ޣައިރު މުސްލިމުންގެ ނަޒަރުގައި އައިސިސްއަކީ އިސްލާމް ދީން ގަބޫލުކުރާ މުސްލިމުންނެވެ. ނަމަވެސް މިކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ޚުދޫދުގެ ތެރޭގައި ހުރި އެއްވެސް މުސްލިމަކު އެއްބަސްވާނެ ކަމެއް ނޫނެވެ.
މުސްލިމުން ކިއި އެއްޗެއްގެ އަޑު އެހުމެއް ނެތި ސްރީލަންކާއިން އަވަސްވީ މުސްލިމުން އިތުރަށް ފިއްތާލުމަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ބޮމުގެ ހަމަލާތައް ދިން މީހުންގެ މަންޒަރުތައް ސީސީޓީވީ ފުޓޭޖުތައް އެހުރީ އަދިވެސް ފެންނާށެވެ. އެފަދަ ކިތަންމެ ހެއްކެއް ފެންނަން އޮއްވާ، ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ ސްރީލަންކާގައި ބުރުގާ އަޅައިގެން އުޅުން ވަނީ މުސްލިމު އުޚުތުންނަށް މަނާކޮށްފައެވެ. ކަންފަތްވެސް ހިމެނޭ ގޮތަށް މޫނުމަތީގެ ހުރިހާ ގުނަވަނެއް ފެންނަން ހުންނަޖެހޭނެ ކަމަށް ގާނޫނެއް ގެޒެޓް ކޮށްފައި ވާއިރު، ބުރުގާ، ނިގާބު އަދި ހިޖާބަކީ މި އުސޫލުން ބަލާއިރު ސްރީލަންކާގައި ހުއްދަ އެއްޗަކަށް މިއަދު ނުވެއެވެ.
ފާއިތުވީ 20 އަހަރު ދުވަހަށް ބަލާއިރު ހިޖާބާ ނިގާބުގެ އިތުރު މުޅި މީހާ ނިވާ ވާ ގޮތަށް ބޮޑު ބުރުގާ އަޅާ މީހުން ސްރީލަންކާގައި ދިޔައީ މިނިވަން ކަމާއެކު ދިރިއުޅެމުންނެވެ. ސެކިއިރުޓީ ޗެކް ޕޯސްޓުތަކުގައި ސުވާލުކުރަން ހިފެހެއްޓުމުން އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ރެކޯޑްވެސް އެކަނބަލުންގެ އަތުގައި އޮވެއެވެ. މައްސަލައެއް ނުޖައްސައެވެ. ދެކޮޅުން ކުރެ ކޮޅަކުން ޝަކުވާއެއް އުފުލިކަމެއް އެނގޭކަށް ނެތެވެ. ބޮޑު މައްސަލައެއް ޖެހުނީތީ ޚަބަރެއް ލިބިފައެއް ނެތެވެ.
އެފަދަ ގޮތަކަށް މަސްރަހު އޮތް ލަންކާގައި މުސްލިމު އަންހެނުން ނިވާ ވާން ގެންގުޅުނު ހިޖާބާ، ނިގާބު އަދި ބުރުގާވެސް މަނާކޮށް ގެޒެޓްގައި އެކަން އާންމު ކުރުންވީ މުސްލިމުންނަށް ފުރައްސާރަ ކުރަން ކެތްމަދުވެފައި ތިބި ކިތަންމެ ބަޔަކަށް އެކަމުގެ ފުރުސަތު ހޯދާދިން ނިންމުމަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުންވެސް މިކަން އެހުރީ ފާޅުވާށެވެ. ހިޖާބާ، ނިގާބު އަދި ބުރުގާގެ ފަރަގު ނޭނގި އައުރަ ކަޝްފު ކުރުމަށް މަޖުބޫރުކުރަނީ ހަމައެކަނި ޗެކްޕޮއިންޓް ތަކުގައެއް ނޫނެވެ. އައުރަ ނިވާ ކޮށްގެން ތިބި މުސްލިމު އުޚުތުންނަށް ލަންކާއިން މިހާރު އެއްވެސް ޚިދުމަތެއް ނުދެއޭވެސް ދެންނެވިދާނެއެވެ.
ޖިންސުގެ ތަފާތުކަން ހުރަސްކޮށް ހައްގުތަކުގެ ރޭހުގައި އަންހެނުން ހޯދި ކުރިއެރުން ފަސްއަޅާ ވަޅުލައިގެން ކޮޓަރީގައި ތަޅުލެވިގެން އިނުމަށް މަޖުބޫކުރީއެވެ.
ސްރީލަންކާގެ ވެރިން ބުނާ ގޮތުގައި މި ނިންމުން ގެޒެޓްކުރީ ސްރީލަންކާގައި ހަރަކާތްތެރިވާ އިސް ޖަމިއްޔާތަކާ މަޝްވަރާ ކުރުމަށް ފަހުގައެވެ. ނަމަވެސް މިއިން ޖަމާއަތެއްގެ އެންމެ އިސް ސަފުގައި މުސްލިމު އަންހެނަކު ނުހިމެނޭ ކަމީ އަންހެނުންގެ ހަގީގީ އިހުސާސްތަކާ، ޝުއޫރާއި ހިޔާލު މިކަމުގައި އިސްތިސްނާ ވެފައިވާ ކަމުގެ ހެއްކެކެވެ.
ހިޔާލެއް ފިކުރެއް ނެތި ބުރުގާއާއި ހިޖާބު އަޅައިގެން ލަންކާގެ މަގުތަކުގައި އުޅުނު ގިނަ ބަޔަކު މިއަދު މަގުމައްޗަށް ނިކުންނަން ޖެހިލުން ވެއްޖެއެވެ. މިވަރުގެ ބޮޑު ކަމަކާ ކުރިމަތިލާން ޖެހުނީ ނަފްސާނީ ގޮތުން އެކަމަށް ތައްޔާރު ވެލާނެ ވަގުތުކޮޅެއްވެސް ނުލިބިއެވެ.
ވިސްނާ ނުލެވި އޮތް ކަމަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ތަކެއްގެ އަމަލުތައް ހުރި ގޮތުން، ކަމާ ނުވެސް ބެހި ތިބި ބަޔަކަށް އެކަމުގެ ނުސީދާ އަދަބު ދެވެމުންދާކަމެވެ.
ސަލާމަތަށްޓަކައި ކަމަށް ބުނެ ހެޒަމްޓް ސޫޓްއާއި އެނޫންވެސް އެފަދަ ގިއަރުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވުމާ، ދުމުން ސަލާމަތް ވުމަށް މޫނުމަތި ނިވާކޮށްގެން އުޅޭ ފިރިހެނުން މަގުތަކުން ފެންނަމުންދާ ދިއުމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ސްރީލަންކާގައި ދިރިއުޅެމުންދާ ކިތަންމެ ދިވެހިންނެއްވެސް މިއަދު ތިބީ މަގުމައްޗަށް ނިކުމެ، އާންމު ދިރިއުޅުމައިގެން ކުރިއަށްދިއުމަށް ޖެހިލުންވެފައެވެ.