މުސްލިމް ބްރަދާހުޑް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

މިއާއެކު މިސްރުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ޒަމާންވީ އިސްލާމީ ޖަމިއްޔާއާއި ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރެވިގެންދާނެއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސޭރާ ސޭންޑާޒް ވިދާޅުވީ، މުސްލިމު ބްރަދާހުޑް ޖަމާއަތަކީ ނުރައްކަލެއް ކަމުގައި ދެކޭ ސަރަހައްދީ ލީޑަރުންގެ އިތުރުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ޓީމުގެ މެމްބަރުންނާ ޓްރަމްޕް މަޝްވަރާކުރައްވާފައި ވާ ކަމަށާ، މިކަން ކަނޑައެޅުމަށް ދާހިލީ ފެންވަރުގައި މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާދެއްވުމަށް ޑޮނާލްޑް ޓްރަމްޕަށް ގޮވާލައްވާފައިވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއެވެ. އަލް ސީސީ މިކަމަށް ގޮވާލައްވާފައިވަނީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އޭޕްރިލް 9 ވަނަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އަލް ސީސީ މިކަމަށް ގޮވާލައްވާފައިވަނީ ކަމާ ބެހޭ އޮފިޝަލުންނާ ހަވާލާދެއްވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އިޚުވާނު އަލް މުސްލިމީން"ގެ ނަމުގައިވެސް ހަރަކާތްތެރިވަމުން އަންނަ މުސްލިމު ބްރަދާހުޑްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮންމެ ބަޔަކު ކޮންމެ ނިންމުމެއް ނިންމި ކަމުގައި ވީ ނަމަވެސް މާތް ކަލާންގެ އިރާދަފުޅާއެކު ބާރުހުރި ޖަމާއަތެއްގެ ގޮތުގައި އެ ޖަމާއަތުން ދެމި އޮންނާނެ ކަމަށެވެ. މުޖުތަމައު އެއްބައިވަންތަކޮށް އެކަތިގަނޑެއްގެ ގޮތުގައި ތެދުވެރި، އިހުލާސްތެރި އަދި ބިނާކުރަނިވި ގުޅުންތައް ކުރިއެރުވުމުގައި ސުލްހަވެރި ކަމާއެކު ކުރިއަށްދާނެ ކަމަށްވެސް ބްރަދަހުޑް ޖަމާއަތުން ވަނީ ބުނެފައެވެ.

1928 ވަނަ އަހަރު އުފެދުނު މުސްލިމު ބްރަދާހުޑް ޖަމާއަތަކީ ދުނިޔޭގައި އޮތް އެންމެ ޒަމާންވީ އަދި އެންމެ ނުފޫޒުގަދަ އިސްލާމީ އެއް ޖަމާއަތެވެ. މިސްރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވި މިނިވަން އަދި ޑިމޮކްރަޓިކް އިންތިހާބު 2012 ވަނަ އަހަރު ކާމިޔާބު ކުރީވެސް އެޖަމާއަތުންނެވެ. ނަމަވެސް މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި މިސްރުން ކަނޑައެޅީ 2013 ވަނަ އަހަރުއެވެ. އެއީ މިހާރުގެ ރައީސް ޖެނެރަލް އަލް ސީސީ އިސްކޮށް ހުންނަވައިގެން އަސްކަރީ ބަޣާވާތަކުން މުސްލިމު ބްރަދާހުޑްގެ ވެރިކަން ވައްޓާލި ފަހުންނެވެ.