ސްރީލަންކާގައި ދިރިއުޅެމުންދާ ސައުދީ އަރަބިއްޔާގެ ރައްޔިތުން އެ ގައުމުން ފައިބަން ސައުދީ އެމްބަސީއިން އިލްތިމާސްކޮށްފިއެވެ.

ސްރީލަންކާ އެމްބަސީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސްރީލަންކާގެ ސަލާމަތީ ކަންކަން މިވަގުތު ހުރި ގޮތުން، އެގައުމުގައި ތިބި ސައުދީގެ ރައްޔިތުން ސްރީލަންކާއިން ފޭބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ތަންފީޒުކުރައްމުންދާ ކުށްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން، ކަންފަތް ފޮރުވޭނެހެންވެސް ބުރުގާ އެޅުން މަނާކޮށް ވަގުތީ ގޮތުން ގެޒެޓްކޮށް ތަންފީޒުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކަންފަތް ފޮރުވޭހެން ބުރުގާ އެޅުން ލަންކާގައި މަނާކޮށްފައިވާއިރު ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުންކުރަމުން އަންނަ ހިޖާބު އޭގެ އަސްލު ގޮތުގައި އެޅުން މިހާރު ލަންކާގައި މަނަލެވެ.

ކުށްލި ހާލަތުގެ ދަށުން ގެޒެޓްކޮށްފައިވާ ގާނޫނުގައިވާ ގޮތުން އެމީހަކީ ކާކުކަން ނޭނގޭ ގޮތަށް މުޅި މޫނު ނިވާނެހެން އާންމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުމަކީ މަނާކަމެކެވެ. ގާނޫނު މަނާކޮށްދެމުން އިތުރަށް ތަފްސީލުކޮށްދީފައިވާ ގޮތުގައި މުޅި މޫނު ނިވާކުރުމޭ ބުނެފައިވަނީ މޫނުމަތީގެ ހުރިހާ ގުނަވަންތަކެއް ފާޅުވާން ހުރުން ކަމުގައި ބުނެފައިވާއިރު އޭގެ ތެރޭގައި 2 ކަންފަތްވެސް ފެންނަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އާންމު މަނާތަކަށް ބަލާއިރު، ބުރުގާއަކީ މުޅި މީހާގެ ހަށިގަނޑުން އެއްވެސް ތަނެއް ފާޅުވާން ނުހުންނާނެހެން ނިއްވާ ގޮތަށް ހަށިގަނޑު ފަރޮވާ ހެދުމެކެވެ. ނިގާބަކީވެސް މުޅި ހަށިގަނޑު ފޮރުވާ ހެދުމެކެވެ. ނަމަވެސް ނިގާބުގައި ދެލޯ ފެންނަން ހުންނާނެއެވެ. ދެން ހުންނަނީ ދިވެހިންގެ މެދުގައިވެސް އާންމު ހިޖާބެވެ. މިއީ އެއްވެސް ވަރަކަށް މޫނު ނިވާ ކުރާ ހެދުމެކެވެ.

ކަންމިހެންއޮތްއިރު، އެމެރިކާއިންވެސް ސްރީލަންކާގައި ތިބި އެމެރިކާ ސަރުކާރުގެ މުވައްޒަފުންނާ ކިޔަވާ އުމުރުގެ ކުދިން ތިބި އާއިލާތަކުން ސްރީލަންކާ ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ ސްރީލަންކާއަށް ދަތުރުކުރުމާ ދެކޮޅަށް ޓްރެވެލް އެޑްވައިޒަރީތައް ނެރެފައެވެ.