މިހާރު އިސްލާމް ދީނުގެ ނަމުގައި ހިންގަމުންދާ ކަންކަމަށް ބަލައި ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޓެގް ކުރައްވާ ނަޝީދު ކުރެއްވި ޓްވީޓުގައި އިޝާރާތް ކުރައްވަނީ ސްރީލަންކާގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ އަދި އެކަމާ ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ކަމަށް ގަބޫލު ކުރެވެއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިހާރުގެ މުގައްރަރުގެ ފޮތް ތަކުގައި ރުޅިވެރިކަމާ ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ ކަމަށެވެ.

ހުސްވި ހަފްތާގައި ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 200 އެތައް މީހުނެއް ވަނީ މަރުވެފައެވެ. އަދި މިހަމަލާއާ ގުޅިގެން އެގަމުގެ ގާނޫނުތަކާ އާންމު އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ކަންފަތް ނިވާ ވާ ގޮތަށް ބުރުގާ އެޅުމަށްވެސް ވަނީ މަނާ ވެފައެވެ. ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅޭ ގައުމަކަށް ވާއިރު އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެކި އެކި ފަރާތްތަކުގެ ފުރައްސާރަ އާ ކުރިމަތިލާން ޖެހިފައި ވާކަމަށް ބައެއް ދިވެހިން ވަނީ 'ދަ ޕްރެސް' އަށް ކިޔައިދީފައެވެ.

ރާއްޖޭގެ މުގައްރަރުގައި މައްސަލަތަކެއް ހުރި ކަމަށް ނަޝީދު ފާހަގަ ކުރައްވާ އިރު އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެސް ބުނެފައެއް ނުވެއެވެ.